އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން އުޅޭކަމަށް ރޮއިޓާސް އާއި ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓްކޮށްފި އެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވަނީ ޔޫރަޕްގެ އިއްތިހާދު (އީ.ޔޫ) ގެ ކަނޑުގެ ސަލާމަތާ ބެހޭ މިޝަނަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ރޭޑިއޯ މުއާސަލާތެއް އަޑުއިވިފައިވާ ކަމަށެވެ.
އެ މުއާސަލާތުގައި "ތިޔަ އުޅަނދުފަހަރަށް ހޮރުމުޒް ކަނޑުއޮޅިން ދަތުރެއް ނުކުރެވޭނެ" ކަމަށް ބުނެފައިވާ ކަމަށް ވެ އެވެ. އީ.ޔޫގެ މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ ސަރަހައްދުން ދަތުރުކުރި އުޅަނދުފަހަރަށް ރިވޮލިއުޝަނަރީ ގާޑްސްގެ ފަރާތުން މިފަދަ ވީ.އެޗް.އެފް (VHF) މެސެޖުތައް ވަނީ ލިބިފަ އެވެ. ނަމަވެސް، އީރާނު ސަރުކާރުން މިކަން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ވެސް ހާމަކޮށްފައިވާ ގޮތުގައި، ގަލްފް ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހޮރުމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރުގެ މެސެޖުތައް ލިބެމުންދާ ކަމުގެ ގިނަ ރިޕޯޓްތަކެއް ވަނީ ލިބިފަ އެވެ.
އެހެންނަމަވެސް، ރަސްމީ އިޖުރާއަތްތަކެއް ފުރިހަމަނުކުރާހާ ހިނދަކު، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މިފަދަ މުއާސަލާތްތަކަށް އަމަލުކުރުން ލާޒިމު ނޫންކަން އެ އިދާރާއިން ފާހަގަކުރި އެވެ.
އީރާނުން ދިން ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން ވަނީ ވިޔަފާރި އުޅަނދުފަހަރު ގަލްފް ސަރަހައްދުން ދަތުރުކުރުމުގައި ސަމާލުވުމަށް ނުވަތަ އެ ސަރަހައްދަށް ނުވަނުމަށް އިރުޝާދު ދީފަ އެވެ.
ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ސާފުނުކުރާ ތެޔޮ އުފުލާ އެންމެ ބޮޑު މަގެވެ. މިއީ އީރާނު، ސައުދީ އަރަބިއްޔާ، އިރާގު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ތެޔޮ އުފައްދާ މައިގަނޑު ގައުމުތަކުގެ މުހިންމު އެކްސްޕޯޓް މަގަކަށް ވާއިރު، ދުނިޔޭގެ ކަނޑުމަގުން ކުރެވޭ ތެޔޮ ޝިޕްމަންޓްތަކުގެ 20 އިން 30 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.
މީގެ ކުރިން ވެސް އެމެރިކާ އާއި އިޒްރޭލުން އީރާނަށް ޕްރެޝަރު ކުރާ ދަނޑިވަޅުތަކުގައި އެ ގައުމުން މި ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައި ވެ އެވެ. ނަމަވެސް، އަމަލީ ގޮތުން މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މި ކަނޑުއޮޅި އަސްކަރީ ބާރުގެ ބޭނުންކޮށްގެން ބަންދުކޮށްފިނަމަ، ދުނިޔޭގެ ދަތުރުފަތުރަށާއި ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެ އެވެ.
ޖޭ.ޕީ މޯގަން ފަދަ ދުނިޔޭގެ އިންވެސްޓްމަންޓް ބޭންކުތަކާއި އިގްތިސާދީ ދިރާސާ ކުރާ އިދާރާތަކުން ލަފާކުރާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި މުޅިން ބަންދުކޮށް، އަސްކަރީ ކުރިމަތިލުންތައް އިތުރުވެއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއަކަށް 120 އާއި 130 ޑޮލަރަށްވުރެ މައްޗަށް އަރާނެ އެވެ.
މިއީ މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރި 70 ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 70 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، އީރާނުގެ މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ މާލީ ބާޒާރުތަކަށް ނުތަނަވަސްކަން އައިސް، ފޮރެކްސް އަދި ހިއްސާގެ ބާޒާރުތައް ބަލިކަށިވެދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފަ އެވެ.
ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފާނެކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ދީފި ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފާނެކަމުގެ އިންޒާރު އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ