އިރާން ހަނގުރާމަ: މެދުކެނޑުމެއްނެތި ރާއްޖެއަށް މުދާ ލިބޭކަން ކަށަވަރުކުރަން އިތުރު ގޮތްތަކެއް ހޯދަނީ

މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، މެދުކެނޑުމެއްނެތި މުދާ ލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ބޭނުންވާނެ އިތުރު މާކެޓުތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފިއެވެ. އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ، މެދުއިރުމަތީ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ކުރާނެ އަސަރުތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގާތުން ބަލައި، ކާބޯތަކެއްޗާއި އަސާސީ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓުތަކުން ދިމާވާނެ ދަތިތައް ދެެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެެނިހެން މާކެޓުތައް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް، މިނިސްޓްރީން ބުންޏެވެ. މި ދަނޑިވަޅުގައި ސަރުކާރުގެ މައި އަމާޒަކީ އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްވިޔަނުދީ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށްފަހު، ރާއްޖެއަށް ކާބޯތަކެއްޗާއި މުދަލުގެ ބާވަތްތައް އާންމުގޮތެއްގައި އެތެރެކުރާ ގައުމުތަކުގެ ތެރޭ މެދުއިރުމަތީގެ ގައުމުތައް ހިމެނެއެވެ. ރާއްޖެ އެންމެ ބޮޑަށް ބަރޯސާވަނީ ބޭރު ގައުމުތަކުން އެތެރެކުރާ މުދަލާއި ކާބޯތަކެއްޗަށެވެ. ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ޓާމިނަލު ވެސް އޮތީ ތޮއްޖެހިފައެވެ. އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. https://sun.mv/218514 އަދި ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކުރާ ދަތުރުތައް ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ މިއަދު މެދުކަނޑާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ