ހަމަލާތަކާ ގުޅިގެން ދަތިތައް ހައްލުކުރަން ވަޒީރުންގެ ކޮމިޓީއެއް ނަގައިފި

މެދުއިރުމަތީގައި މިއަދު ފެށި ހަމަލާތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުުރުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއެއް ރައީސް މުހައްމަދު މުއިއްޒު މިރޭ އެކުލަވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ނުވަ ވަޒީރުންގެ މައްޗަށް އެކުލަވޭ އެ ކޮމިޓީ ރައީސް އެކުލަވާލެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަ ކުރައްވާފަ އެވެ.
ތަފްސީލު - ހީނާ ވިދާޅުވި ގޮތުގައި، އެ ކޮމިޓީ އެކުލަވާލާފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވެދާނެ "ދަތިތަކާއި ކުރިމަތިވެދާނެ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށެ"ވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނުވަ ވަޒީރުންނަކީ:
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ) 
ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން 
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން 
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން 
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް 
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު 
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
"މި ވުޒާރާތަކުން ކަމާ ގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުންދާނެ،" ހީނާ އިތުރަށް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިއަދު އިސްވެ އީރާނަށް ދިން ހަމަލާތާކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ.
ހުރިހާ ފަރާތްތަކުގެ ވެސް ހަމަލާތައް ކުށްވެރިކޮށް ސުލްހަވުމަށް ގޮވާލައި ދިވެހި ސަރުކާރުން މިރޭ ބަޔާނެއް ވެސް ވަނީ ނެރެފަ އެވެ.
މި ހަމަލާތަކާ ގުޅިގެން ގަލްފްގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވުމުން، ރާއްޖެއަށް ފަތުވެރިން އަންނަ ގިނަ އެއާލައިންތައް ވެސް ވަނީ ހުއްޓިފަ އެވެ. އަދި ބައެއް ފަތުވެރިން ރާއްޖޭގައި ވަނީ ތާށިވެފަ އެވެ.
މި ހަމަލާތަކުގެ ސަބަބުން އެކަމުގެ ނުސީދާ އަސަރު ވަރަށް ބޮޑަށް ރާއްޖެއަށް ކުރާނެ ކަމަށް ބެލޭވޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ