އިރާނަށް ހަމަލާ ދިނުން؛ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުގެ ހުލާސާ އިރާނަށް ހަމަލާ ދިނުން؛ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުގެ ހުލާސާ

އެމެރިކާއާއި އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވަނީ ތެހެރާން ގަޑިން މިއަދުގެ ހެނދުނު 09:30 (ޖީ.އެމް.ޓީ އިން 06:00) ގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް" ކުރިއަށްދާކަން ކަށަވަރުކޮށްދެއްވައި، އީރާނުގެ ވެރިކަން ބަދަލުކުރުމަށް ގޮވާލައްވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ ރޫހާނީ ލީޑަރުގެ އޮފީހަށާއި ތެހެރާންގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވަނީ ހަމަލާތައް އަމާޒުވެފަ އެވެ. މީގެ އިތުރުން މުޅި ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދީފައި ވެ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި،އީރާނުގައި އަންހެން ކުދިންނަށް ކިޔަވައިދޭ ސުކޫލަކަށް އިސްރާއީލުން ހަމަލާދީ 53 ކުދިން މަރާލާފައި ވެ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާގޮތުގައި، އީރާނުން މިހާރު ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ހަމަލާތަކެއް ފޮނުވާލާފަ އެވެ. އީރާނުގެ މި ހަމަލާތަކުގެ ސަބަބުން ގަތަރު، ޔޫއޭއީ އަދި ކުވެއިތު ހިމެނޭހެން އެ ސަރަހައްދުގެ އެކި ގައުމުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބެލެވެ އެވެ.
އެމެރިކާގެ މުހިންމު ކަނޑުގެ ސިފައިންގެ މަރުކަޒެއް ހުންނަ ބަހުރޭންގައި، އީރާނުން ދިން ކަމަށް ބެލެވޭ މިސައިލް ހަމަލާއެއްގެ މަންޒަރުތައް ނޫސްވެރިންނަށް ފެނިފައި ވެ އެވެ. މި ހަމަލާއިން ލިބުނު ގެއްލުމުގެ ތަފުސީލެއް ނުލިބެ އެވެ.
މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެތައް އެއަރލައިނަކުން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި، އުދުހުންތައް މެދުކަނޑާލާފަ އެވެ. މިކަމުގެ ސަބަބުން ފަސެންޖަރުންނާއި މުދާ އުފުލުމަށް ދަތިތައް ދިމާވެ، އިގުތިސާދީ ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.
ރައީސް ޓްރަމްޕް ވަނީ އީރާނުގެ ރައްޔިތުން ސަރުކާރުގެ ބާރުތައް އަތުލުމަށް ބާރުއަޅުއްވައި، "މިއީ ކުރިއަށް އޮތް އެތައް ޖީލަކަށް ވެސް ލިބޭނެ ހަމައެކަނި ފުރުސަތު ކަމަށް ވެދާނެ" ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ މަގުތަކުގައި ބިރުވެރިކަމާއި ހާސްކަން އޮތް ނަމަވެސް، ބައެއް މީހުންގެ މެދުގައި ހިތްހަމަޖެހުމުގެ އިހުސާސްތަކެއް ވެސް އެބަހުރި ކަމަށް ރިޕޯޓަރުން ބުނެ އެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ބައެއް ފަރާތްތަކުން ގެންދަނީ މި ހަމަލާތަކަށް މަރުހަބާ ކިޔައި އުފާ ފާޅުކުރަމުންނެވެ.
އެމެރިކާއާއި އިސްރާއީލުން ގަބޫލުކުރަނީ އީރާނުގެ ސަރުކާރު މިވަގުތު އޮތީ ބަލިކަށި ހާލަތެއްގައި ކަމަށެވެ. އެހެންކަމުން މިއީ ގެއްލުވާލައިގެން ނުވާނެ ފުރުސަތެއް ކަމަށް އެ ދެ ގައުމުން ދެކެ އެވެ.
މިދަނޑިވަޅުގައި، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވީ، އިނގިރޭސިވިލާތުގެ ރައްޔިތުންނާއި، މަސްލަހަތުތަކާއި އަދި ބައިވެރިން ހިމާޔަތްކުރުމަށްޓަކައި، ސަރަހައްދީ ފެންވަރުގައި ހިންގާ ދިފާއީ ހަރަކާތްތަކުގެ ބައެއްގެ ގޮތުގައި އިނގިރޭސި އަސްކަރީ ބޯޓުތައް މިއަދު މެދުއިރުމަތީގެ ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ