މޮރިޝަސްއިން ދެމި ރަތް ރޮނގާއެކު ކަނޑައިލި ގުޅުން: އިތުރު ގޮންޖެހުމެއް؟

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ދެ އަހަރާ ދުވަސްކޮޅެއް ވެއްޖެއެވެ. ފޯޅަވަހި ނުވަތަ ޗާގޯސްގެ ރަށްތަކުގެ މައްސަލައާއި، މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ނިންމުން ބަދަލުވެއްޖެކަމާއި، ޚާއްސަ އިގްތިޞާދީ ސަރަހައްދު ބައިކޮށްގެން މިދިޔަ ދައުރުގައި ގެއްލުނު ސަރަހައްދު ހޯއްދަވަން ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ޚުދު އެ މަނިކުފާނު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. މި މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވަރަށް ހަރު އަޑުން އެ މަނިކުފާނު ދެއްވި މެސެޖަކީ އެއްގޮތަކަށް ވެސް ދޫނުދެއްވާނެ ކަމެވެ. އެއީ ރާއްޖޭގެ މަސްލަހަތު އިސްކުރައްވައިގެން ކުރައްވާ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި ހުރިހާ ވާހަކައެއް ރާއްޖެއިން ދެއްކިއިރު ވެސް، މޮރިޝަސްއިން އިވޭ ކަމަށް ވެސް ނުހަދައެވެ. އެއްވެސް ރައްދެއް ވެސް، ޖަވާބެއް ވެސް ނުދެއެވެ. ކުއްލިއަކަށް އިއްޔެ ކުރަހާލީ "ރަތް ރޮނގުން" މުޅި މި ސަރަހައްދަށް ލިބުނީ ސިހުމެކެވެ. މޮރިޝަސް ސަރުކާރުގެ ކެބިނެޓުން ނިންމީ ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުންތައް މިވަގުތުން ވަގުތަށް ކަނޑައިލުމަށެވެ. އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނާ ގޮތުން ރާއްޖެއާ އެކު އޮތް ގުޅުން ކަނޑައިލަން ނިންމި ނިންމުމަކީ އެ ގައުމުގެ ގައުމީ މަސްލަހަތު ހިމާޔަތްކުރާށާއި އދ. ގެ ޗާޓަރުތަކަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލެނބުމާއި، މި ސަރަހައްދުގައި ހަމަޖެހުން ދެމެހެއްޓުމަށް ދޭ އިސްކަން ހާމަވާ ކަމެކެވެ. ދެ ގައުމުގެ ސަރުކާރުން ވެސް ބުނާ ގޮތުގައި ދެ ގައުމުން ވެސް މި އިސްކުރީ ދެ ގައުމުގެ ގައުމީ މަސްލަހަތެވެ. ރައީސް މުއިއްޒު ވެސް ދިވެހި ޚާރިޖީ މައިދާނުގައި ރާއްޖޭގެ އިން ވަކިވާނެހެން "ރަތްރޮނގެއް" ކުރެއްސެވިއެވެ. އެއީ ރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލާއި މިނިވަންކަމުގެ އިން ވަކިކޮށް ދުނިޔެއަށް ސާފުކޮށްދޭން އެޅުއްވި ރޮނގެކެވެ. ސުވާލަކީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް މި ދެ ރަތް ރޮނގުގެ ތެރެއިން އަވަހަށް ފޭދި ފޮހެވޭނީ ކޮން ރޮނގެއްތޯއެވެ. ފޯޅަވަހި "ގެއްލި"، ކަނޑު ބައިވިގޮތް ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނަކަށް ހަދަން އެ ގައުމުން ކުރަމުން އައި މަސައްކަތަށް މީގެ ކުރީއްސުރެ ރާއްޖޭން ވަނީ ދެކޮޅު ހަދާފައެވެ. އެ މައްސަލައިގައި 2019ވަނަ އަހަރު އދ.ގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދީފައިވަނީ ވެސް މޮރިޝަސްއާ ދެކޮޅަށެވެ. އެއާއެކު ހަމަ އެ އަހަރު، މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދައުވާ ކުރިއެވެ. މޮރިޝަސްގެ ކުރީގެ ބޮޑުވަޒީރާއި، ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް ނަމަވެސް 2022ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ އޭރުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ވަނީ މުޅި ދިވެހި ދައުލަތުން އެތައް އަހަރަކު ވަކާލާތުކުރި ނިންމުމެއް ބަދަލުކުރެއްވިކަމަށް ހާމަކުރައްވައިފައެވެ. އެ ސިޓީގައި ޞާލިހު ވިދާޅުވެފައިވަނީ ޗާގޯސްގެ މައްސަލައިގައި އދ. ގައި ނަގާ ވޯޓެއްގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ. ޗާގޯސް ނުވަތަ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް ބުނާ ދައުވާ ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ކަނޑުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާނެ ކަމަށް އެ ސިޓީގައިވެއެވެ. މާނައަކީ ކަނޑު ބައިކުރަން ނުޖެހޭނެ ކަމަށް އަދިވެސް ގަބޫލުކުރާ ކަމެވެ. އެއީ ދިވެހި މަސްވެރިން މާ ކުރީއްސުރެ ވެސް މަސްވެރިކަން ކުރާ ސަރަހައްދެއް ކަމަށް ބުނެއެެވެ. އެކަމަކު، އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ މޮރިޝަސްއަށް ޗާގޯސް ރަށްތައް ދޫކުރަން ރާއްޖެއިން ދޫ ދިނުމުގެ ނަތީޖާއަކަށްވީ މޮރިޝަސްއާ އެއްކޮޅަށް އައިސީޖޭގައި މައްސަލަ ނިމި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އެންގުމެވެ. އެ ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ. ވެރިކަން ބަދަލުވުމާއެކު، ރައީސް މުއިއްޒު ވަޑައިގަތީ ގެއްލުނު ހުރިހާ އެއްޗެއް ހޯއްދަވަން ބޮޑު ވައުދުފުޅަކާ އެކުގައެވެ. އިޓްލޮސްއިން ކަނޑުގެ މައްސަލަ ނިންމި ގޮތުގެ ޗާޓު --- ގުޅުން ކަނޑާ ހިސާބަށް ދާންޖެހުނީ ކީއްވެ؟ މޮރިޝަސްއިން ދެކޭގޮތުގައި ޗާގޯސްގެ މައްސަލައަކީ އެތައް އަހަރެއްވަންދެން އެ ގައުމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އައިސީޖޭއިން އެ ގައުމާ އެއްކޮޅަށް ލަފާދިނުމާއި، އދ.ގެ އާންމު މަޖިލީހުންގެ ނިންމުންތަކާއެކު މޮރިޝަސްއިން ވަނީ އިނގިރޭސިވިލާތާއެކު މަޝްވަރާކޮށް، އެ ސަރަޙައްދު ހޯދުމަށް އެއްބަސްވުމަކަށް އައިސްފައެވެ. އެހެންކަމުން، މޮރިޝަސްގެ މި މިނިވަންކަމާ މެދު ސުވާލު އުފައްދާ ނުވަތަ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ގުޅުމަށް ހުރަސްއަޅާ ކޮންމެ ފަރާތަކީ، އެ ގައުމުން ހޯދި ޚާރިޖީ ކާމިޔާބީއަށް ހުރަސްއަޅާ ބައެއްގެ ގޮތުގައި އެ ގައުމުން ދެކުމަކީ ގުޅުން މިހާ ހީނަރުވާން މެދުވެރިވި އެއް ސަބަބެވެ. ރާއްޖެއާ ގުޅުން ކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމި ނިންމުމަކީ، އެ ގައުމުގެ "ގައުމީ މަސްލަހަތާއި" "ސަރަޙައްދު ރައްކާތެރިކުރުމަށް" އެޅި ފިޔަވަޅެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ސަބަބަކީ ވެސް އެއީއެވެ. ރާއްޖޭއިން ވެސް އިސްކުރީ ގައުމީ މަސްލަހަތެވެ. ނަމަވެސް މޮރިޝަސްއާ ދެކޮޅަށެވެ. ދިވެހި ސަރުކާރުގެ ރަސްމީ ވިސްނުމަކީ، ކުޑަ ޤައުމަކަށް ވީނަމަވެސް، އަމިއްލަ މިނިވަން ކަނޑުގެ ސަރަޙައްދުގެ ކޮންމެ މޭލެއް ވެސް ދިފާއުކުރުމެވެ. ޗާގޯސް މައްސަލައިގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އާންމު ރައްޔިތުންގެ މެދުގައި ވެސް ގިނަ ބައެއްގެ ތާއީދު އޮތް ކަމެކެވެ. ސަބަބަކީ، އިޓްލޮސްގެ ނިންމުމަކީ ބޭއިންސާފު ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީއާއި، މީގެ ކުރިން މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ނިންމި ނިންމުމަކީ ސްޓްރެޓީޖިކް ގޮތުން ހެދުނު ގޯހެއް ކަމަށް މި ދާއިރާގެ ބައެއް ބޭފުޅުން ދެކިލައްވާތީއެވެ. އެހެންކަމުން އަލުން މި މައްސަލައިގައި ދަޢުވާކުރުމަކީ، ކުރިން ހެދުނު ކަމަށް ބެލެވޭ ގޯސްތައް އިސްލާހުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތެއްގެ ގޮތުގައި ދެއްކުމަށް ލިބޭ ފުރުސަތެކެވެ. މީގެ އިތުރުން މޮރިޝަސްއިން މަސައްކަތްކުރަމުންދަނީ ބައިނަލްއަގްވާމީ ގޮތުން ނިމިފައިވާ ކަމަށް އެ ޤައުމުން ބަލާ ކަމެއް ތަންފީޒުކުރުމަށެވެ. އެއީ ޗާގޯސްގެ ރަށްތަކާ ހަވާލުވުމެވެ. ނަމަވެސް ރާއްޖެއިން މަސައްކަތްކުރަނީ އެ މައްސަލަ އަލުން ފެށުމަށެވެ. މޮރިޝަސްއިން އދ. އާއި އައިސީޖޭގެ ނިންމުންތަކަށް ބަރޯސާވާއިރު، ރާއްޖެއިން އިސްކަންދެނީ އަލުން ގާނޫނީ މަރުހަލާއަކަށް ދިއުމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން މެދުކަނޑާލަން ނިންމި ނިންމުމުން އެނގެނީ، މިއީ ހަމައެކަނި ދެ ގައުމުގެ ދެމެދުގައި އޮތް ޚިޔާލުތަފާތުވުމެއް ނޫންކަމެވެ. މިއީ ދެ ގައުމުން ކަންކަން ނިންމުމުގައި ގެންގުޅޭ އުސޫލުތަކާއި ވަގުތު ދިމާނުވުމުގެ ނަތީޖާ ކަމެވެ. އަދި ދެ ގައުމު އެއް ގަލަކަށް އެރޭނެ ހަނި ޖާގައެއް ވެސް ފެންނަން ނެތުމުގެ ނަތީޖާއަކީ ގުޅުން ކެނޑުމެވެ. ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދުގައި ދިވެހި ސިފައިންގެ އަސްކަރީ މަނަވަރުތައް ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް މޮރިޝަސްއިން ގުޅުން ކެނޑުމުން ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟ މޮރިޝަސްއިން ރާއްޖެއާ ގުޅުން ކެނޑި ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ ސީދާ އަސަރު ކުޑަވެދާނެއެވެ. ސަބަބަކީ މޮރިޝަސްއަކީ ރާއްޖޭގެ މުހިންމު ވިޔަފާރި ބައިވެރިއަކަށް ނުވަތަ ސަލާމަތީ ކަންކަމުގައި ބަރޯސާވާ ގައުމަކަށް ނުވާތީއެވެ. ނަމަވެސް، މީގެ ސަބަބުން ޚާރިޖީ ގޮތުން ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑެވެ. ކޮމަންވެލްތުގައި އެކުގައި މަސައްކަތްކުރަންޖެހޭ ދެ ގައުމަށްވެފައި، މޫސުމީ ބަދަލާ ދެކޮޅަށް ކުރާ މަސައްކަތާއި، ނޫ އިގްތިޞާދު ފަދަ ކަންކަމުގައި އެކުގައި މަސައްކަތްކުރަންޖެހޭ ކުޑަ ޖަޒީރާ ދެ ގައުމުގެ ދެމެދުގައި މިފަދަ މައްސަލައެއް އުފެދުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ކުދި ގައުމުތަކުން ކުރާ ވަކާލާތު ބަލިކަށިވެގެންދާނެ ކަމެކެވެ. "....މިއީ މިކަހަލަ ނުތަނަވަސްކަމެއް، ކޮމަން ވެލްތުގައި ހިމެނޭ ކުދި އަދި ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކެއްގެ މެދުގައި ޖެހުނު ފުރަތަމަ ފަހަރު...،" ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވައިފައި ހުންނެވި ކުރީގެ ސަފީރު ފަރަހަނާޒް ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނީ ނިންމުންތަކަށް ތަބާވެ ރާއްޖެއިން އަމަލުކުރާ ގޮތާ މެދު ދުނިޔެ ދެކޭ ގޮތަށް ވެސް މިކަމުގެ ސަބަބުން އަސަރުކުރާނެއެވެ. އިޓްލޮސްގެ ނިންމުމާ ދެކޮޅަށް ރާއްޖެއިން ތެދުވެ، މޮރިޝަސްއަށް ދީފައި އޮތް ސަރަހައްދަކަށް ދިވެހި އަސްކަރީ މަނަވަރުތައް ފޮނުވުމަކީ ބައިނަލްއަގުވާމީ އުސޫލުތަކަށް ރާއްޖެއިން އިހުތިރާމްކުރާ މިންވަރާ މެދު ސުވާލު އުފެދޭނެ ކަންކަމެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ކުރިމަތީގައި އޮންނަ އިތުބާރަކީ މުހިންމު ބާރެކެވެ. ރާއްޖޭގެ އެތެރޭގެ މަސްރަހަށް ބަލާއިރު، ފޯޅަވަހީގެ މައްސަލައަކީ މިއަދު ސަލާމަތީ ބޮޑު ބަހުސެކެވެ. ނަތީޖާއަކީ، ހަމައެކަނި ސަލާމަތީ ނަޒަރަކުން ބަލަން ފެށުމުން، ހާރިޖީ ގޮތުން ގެންގުޅެންޖެހޭ ދޫދިނުންތަކަށް އޮންނަ ފުރުސަތު ކުޑަވުމެވެ. ކޮންމެ ދޫދިނުމަކީ "ބަލިވުން" ނުވަތަ "އަމާންދިނުން" ކަމަށް ބެލެވޭ ނަމަ، ގައުމުގެ އިގްތިޞާދީ އަދި ސަރަހައްދީ މަސްލަހަތަށް ޓަކައި އަމަލީ ގޮތުން އެންމެ ފައިދާހުރި ގޮތް އިހުތިޔާރުކުރުން ދަތިވުމެވެ. ޚާރިޖީ ގުޅުންތަކުގެ ތެރެއިން މިކަމަށް އަދިވެސް ހައްލެއް އެބައޮތްތަ؟ މޮރިޝަސްގެ ނިންމުން ވަރަށް ވަރުގަދައެވެ. ދިވެހި ސަރުކާރުން ވެސް މިކަމުގައި އަދި ރަސްމީ ބަހެއް އާންމު ނުކުރެއެވެ. ނަމަވެސް، މިއީ މަޝްވަރާގެ ދޮރު މުޅިން ބަންދުވުން ކަމަކަށް ނުބެލެވެއެވެ. ޚާރިޖީ އުސޫލުތަކުގެ ތެރެއިން، ދެ ގައުމުގެ ނަމަށް އުނިކަމެއް ނާންނާނެހެން މަސްރަހު ރަނގަޅުކުރެވިދާނެއެވެ. އެކުވެރި ތިންވަނަ ގައުމެއް މެދުވެރިކޮށް ނުވަތަ ބައިނަލްއަގުވާމީ އިދާރާތައް މެދުވެރިކޮށް ކުރިއަށްގެންދާ ނުރަސްމީ މަޝްވަރާތަކުގެ ސަބަބުން، ދެ ގައުމުން ގަބޫލުކުރާ އަސާސްތައް ދޫކޮށްނުލައި، އަލުން މުއާމަލާތްތައް ފެށުމަށް މަގުފަހިވެދާނެއެވެ. ތިމާވެއްޓާއި، މަސްވެރިކަމާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމަކީ، އިސްތިގުލާލާ ގުޅޭ މި މައްސަލައިގެ ތެރެއަށް ނުވައްދައި، ވީހާވެސް ވަކިން ކުރިއަށް ގެންދަންޖެހޭ ކަންކަމެވެ. "އަޅުގަނޑު އުންމީދުކުރަން، ދެ ގައުމަށް ވެސް ކަންކަން މަޝްވަރާކުރެވި އެކުވެރިކަމާއެކު ކަންކަން ހައްލުކުރެވޭނެކަމަށް،" ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖެއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޚާއްސަ އިގްތިޞާދީ ސަރަހައްދު ދިފާއުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ދެކޮޅުވުން ނޫންކަމާއި، އެއީ އެހެން ކުދި ގައުމުތަކާ ވަކިވެގަތުން ނޫންކަން ސާބިތުކޮށްދިނުމެވެ. މީގެ ބޭނުމަކީ ގާނޫނީ ހަމަތަކާއި، ގައުމުގެ ދާޚިލީ ސިޔާސީ މަސްލަހަތާއި، ސަރަހައްދީ ޚާރިޖީ ގުޅުންތައް ވަރަށް ފަރުވާތެރިކަމާއެކު ބެލެންސްކުރުމެވެ. ފޯޅަވަހީގެ މައްސަލައިގައި އުފެދުނު މި ހީނަރުކަމުގެ ސަބަބުން، ކުރިން ހަމައެކަނި ގާނޫނީ ނިންމުމެއްގެ ގޮތުގައި އޮތް ކަމެއް، މިހާރު މި ވަނީ ޚާރިޖީ ގޮތުން ފާޅުކަން ބޮޑު ނަތީޖާތަކެއް ނިކުންނާނެ ކަމަކަށް ބަދަލުވެފައެވެ. ކުރިއަށް އޮތް ތަނުގައި ދިވެހި ސަރުކާރުން މިކަމުގައި އަމަލުކުރާ ގޮތަކުން، ރާއްޖެއިން ގެންގުޅެން ބޭނުންވާ ޚާރިޖީ ސިޔާސަތުގެ މިސްރާބު ސާފުވާނެއެވެ. އެއީ ގައުމުގެ އިސްތިގުލާލާ ގުޅޭގޮތުން އެއްވެސް ދޫދިނުމެއް ނެތް، ނަމަވެސް ވާދަވެރިކަން ބޮޑުވަމުންދާ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެކުވެރި ގައުމުތަކާ ގުޅުން ދެމެހެއްޓުމުގެ ގާބިލުކަން ހުރިނެތްކަން އަންގައިދޭނެ ސިޔާސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ