ރައްޔިތުންގެ ކަމަކު ނޫނީ ޒަރިޔަންދު މޭޔަރު ކަމުގައި އަޅުގަނޑު އެދޭނެ ކަމެއް ނޯންނާނެ: ޔާމީން

އިސްމާއީލް ޒަރިޔަންދަށް މާލޭގެ މޭޔަރުކަން ލިބިއްޖެ ނަމަ، ރައްޔިތުންގެ ފައިދާއަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް ފިޔަވައި ނޫނީ އޭނާގެ އަރިހުން އެދޭނެ ކަމެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޒަރިޔަންދު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ޔާމީނާއި އެ މަނިކުފާނުގެ ޕީއެންއެފުން ވަނީ ޒަރިޔަންދު އެންޑޯޒްކޮށްފަ އެވެ. ޒަރިޔަންދު ވާދަކުރައްވާކަން އިއުލާންކުރެއްވީ ވެސް ޕީއެންއެފުން ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.
ބުނީ ކީކޭ؟ - ރޭ ހުޅުމާލޭގައި ބޭއްވި ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ އަބަދު ވެސް އޭރެއްގެ ހާލަތަށް ބަލާފައި ގައުމުގެ މަސްލަހަތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި މާލޭގެ މެންބަރުކަމަށް އެ ބޭބޭފުޅުންގެ ވާދަވެރިޔާ މުހައްމަދު ނަޝީދު ނުކުންނެވުމުން ޔާމީން ނަޝީދަށް ތާއީދުކުރެއްވި ކަމަށެވެ.
ޔާމީން ރޭ ވިދާޅުވި ގޮތުގައި، އޭރު ވެސް ނަޝީދަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް، ސިޔާސީ ޖޯޝު ހުންނެވި ބޭފުޅަކު މަޖިލީހުގައި އިންނަވަން ޖެހޭ ކަމަށް ޔާމީން ގަބޫލުކުރައްވާތީ ކަމަށެވެ.
"އަޅުގަނޑު ބޭނުންވީ މަޖިލީހުގައި އިސްލާހީ ވާހަކަ ދައްކާނެ މީހެއް. އެ އޮޑި އަބަދު ވެސް ދުވާ މިސްރާބަކަށް ދުއްވުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ބާނި ހުރެއްޖެ ނަމަ އޮޑި ދުވާނެ ގޮތް ވެސް ބަލާލަން. އެއީ ޑިމޮކްރެސީގައި ހުރި ވަރުގަދަކަން އެނގޭނެ ގޮތަކީ،" ޔާމީން ވިދާޅުވި އެވެ.
މިއަދު ވެސް ނަޝީދުގެ ސިޔާސީ ފިކުރުތަކާ މެދު ހިތްހަމަޖެހުމެއް ނެތް ކަމަށާއި އެމްޑީޕީއާ މެދު ވެސް އޮންނަ ހިތްހަމަޖެހުމަކީ ކޮންމެ ފަހަރަކު ވެސް ދައުލަތުގެ ހަރުމުދާތައް ވިއްކަން މަސައްކަތްކުރާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭގެ އަހަރުތަކެއް ފަހުން މިއަދު ޒަރިޔަންދުއާ އެކު ވެސް ހުންނެވީ ގައުމުގެ މަސްލަހަތުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.
މާލެއަކީ ވެރިކަންކުރާ ރަށަށްވާތީ ރާއްޖޭގެ އެންމެންގެ ވެސް ރަށް ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ވޭތުވެދިޔަ ތަނުގައި މާލޭގެ މޭޔަރުންގެ ފަރާތުން ފެނުނުހާ ވެސް ކަމަކީ މާލޭގެ ބިންތައް ނުއަގުގައި ގާތް ވަކި ބަޔަކަށް ދިނުން އެކަނި ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގައި ހިނގި މައްސަލަތައް ބަލަން ޖެހޭ ކަމަށާއި އެ ކަން ބެލެން އަންނަނީ ޒަރިޔަންދު ފަދަ ގާބިލް، އަދި މި ވަގުތު ސިޔާސީ ލީޑަރެއްގެ ފަހަތުގައި ނެތް މީހަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޒަރިޔަންދަކީ ރައީސް ޔާމީނާ މާ ގާތް ގުޅުންތަކެއް އޮތް ބޭފުޅެއް ވެސް ނޫން. އަޅުގަނޑުގެ ސިޔާސީ ޕާޓީއެއްގައި ހުންނެވި ބޭފުޅެއް ވެސް ނޫން. އެކަމަކު އަޅުގަނޑު ޒަރިޔަންދު އިސްކުރީ ގައުމީ މަސްލަހަތަށް،" މީގެ ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގައި ސިޔާސީ ގޮތުން ހަރަކާތްތެރިވި ޒަރިޔަންދުއާ ގުޅޭ ގޮތުން ޔާމީން ރޭ ވިދާޅުވި އެވެ.
މި ވަގުތު ހާލަތު އޮތް ގޮތުން ޕީއެންސީގެ މޭޔަރަކު އިންތިހާބުވާ ނަމަ އޭނާ މަސައްކަތްކުރާނީ ހަމައެކަނި ރައީސް މުހައްމަދު މުއިއްޒުގެ އަމުރުތަކަށް އެކަނި ކަމަށެވެ. އަދި އާއިލީ ގުޅުންތަކުގެ ސަބަބުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ދެ އަހަރު ވެސް ފެނުނީ މައްސަލަތައް ބެލުމުގައި ފަހަތު ފަޔަށް ބުރަވާ ތަން ކަމަށް ޔާމީން ވިދާޅުވި އެވެ.
ޒަރިޔަންދުގެ މޭޔަރުކަމުގައި އޭނާ ބަލަން ޖެހޭ ސިޔާސީ ލީޑަރަކު ނުހުންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީނަށް ވެސް އޭނާ ބަލަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ވެސް މި ދަންނަވަނީ، ރައްޔިތުންގެ ފައިދާއަށް ޒަރިޔަންދު ކަމެއް ކުރުން ފިޔަވައި އަޅުގަނޑު ޒަރިޔަންދު އަރިހުން އެދޭނެ އެއްވެސް ކަމެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ