އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވައިފި އެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ނަޝީދު ފޯމު ހުށަހެޅުއްވީ މިދިޔަ މަހުގެ 28 ގަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ.
ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުގެ މެންދުރު 2:00 ގައި ހަމަވާނެ އެވެ. އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ.
އިންތިހާބުގައި ވާދަކުރައްވަން ނަޝީދު އާއި މީކާއިލް ފޯމު ހުށަހަޅުއްވާފައިވާއިރު، ޗެއާޕާސަން އިންތިހާބު ފަސްކުރަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ހުށަހަޅުއްވާފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވިދާޅުވީ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ގަޕޯ ފާހަގަ ކުރެއްވީ ދެ އިންތިހާބު ބާއްވަން ފައިސާ ނެތުމެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާ ކަމަށް ގަޕޯ ވިދާޅުވި އެވެ.
އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށް އިސް ފަރާތްތަކުން މަޝްވަރާކޮށްގެން ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ވެސް ގަޕޯ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި އެކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ގަޕޯ އެދިވަޑައިގެންނެވި އެވެ.
ޗެއާޕާސަނަކަށް ވާދަކުރަން ނަޝީދު ފޯމު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ