ޗެއާޕާސަންގެ މަގާމު އަދާކުރާނީ ނުފޫޒަށް ބޯނުލަބާ މިނިވަންކަމާ އެކު: މީކާއީލް

އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް މީހެއްގެ ނުފޫޒުގެ ދަށުގައި ހުންނާނޭ މީހަކަށް ނުވާނޭ ކަމުގެ ޔަގީންކަން އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްވައިފި އެވެ. 
ވީ ކިހިނެއް؟ - "އިތުބާރު"ނަމުގައި އޭނާ ފަށާފައިވާ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން "އިތުބާރު ސައްލާ" ގެ ނަމުގައި ކުރިއަށްގެންދާ ވީޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ:
އޭނާގެ މައިގަނޑު އަމާޒަކީ ވަކި ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރުމުގެ ބަދަލުގައި މުޅި އެމްޑީޕީ އެކަތިގަނޑަކަށް ހެދުން ކަމަށް 
ވަކި މީހަކަށް 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރުމުގެ ބަދަލުގައި އޭނާގެ ހުރިހާ ހަކަތައެއް ހުސްކުރާނީ އެމްޑީޕީއަށް އެ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށް ވިދާޅުވި 
މީކާއީލް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ އެތެރޭގައި ތިބި ހަރުމީހުންގެ ތާއީދު އޭނާއަށް ލިބެމުންދަނީ އެއްވެސް ކޮޅަކަށް ބުރަނުވެ އޭނާ ގެންގުޅޭ ހަމަހަމަ އުސޫލުގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މުހައްމަދު ނަޝީދު، އަބްދުﷲ ޝާހިދު އަދި ފައިސަލް ނަސީމަށް ތާއީދުކުރާ މެންބަރުންގެ ތާއީދުވެސް އޭނާއަށް އޮތްކަން މީކާއީލް ފާހަގަކުރެއްވި އެވެ. 
"އަޅުގަނޑު މި މަސައްކަތް މިކުރަނީކީއެއް ވަކި މީހަކު އެމްޑީޕީގެ ވެރިކަމަކަށް ގެންނާކަށް ނޫން... އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ އެމްޑީޕީ ވެރިކަމަށް ގެންނަން، އެމްޑީޕީއަށް ހެޔޮގޮތް ހޯދައިދޭން،" މީކާއީލް ވިދާޅުވި އެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި ޕްރައިމަރީތައް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ވަކި ކެންޑިޑޭޓަކު އެންޑޯސްކޮށްފައި ނެތް މީހަކު ޗެއާޕާސަން ކަމުގައި ހުރުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ. ވަކި ފަރާތަކަށް ބުރަވެފައިވާ ބޭފުޅަކު އެ މަގާމުގައި ހުރެއްޖެނަމަ:
އާންމު ރައްޔިތުންގެ މެދުގައި ޕާޓީގެ ނިޒާމާމެދު އޮންނަ އިތުބާރު ކުޑަވެ، މައްސަލަތައް އުފެދުމުގެ ޖާގަ ބޮޑުވާނެކަމަށް މީކާއީލް ފާހަގަކުރެއްވި 
"އެމްޑީޕީއަކީ 50،000 މެމްބަރުން. އެއީ އެންމެ މެމްބަރެއް ނޫން، އެންމެ ފަރުދެއް ނޫން. އަދި ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ ކެންޑިޑޭޓުންނެއް ވެސް ނޫން އެމްޑީޕީއަކީ. އެމްޑީޕީއަކީ އެމްޑީޕީގެ އާންމު މެމްބަރުން،" މީކާއިލް ވިދާޅުވި އެވެ.
މީގެ އިތުރުން، ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި އާންމު މެންބަރުންގެ ޝުއޫރުތައް އަޑުއަހައިގެން ޕާޓީގެ ހިންގުން ހަރުދަނާކުރުމަކީ އޭނާގެ މި ކެމްޕޭނުގެ އެންމެ އިސް އެއް މަސައްކަތް ކަމުގައި ވެސް މީކާއީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާޓީގެ އިސް ސަފުން ޒުވާނުން ފެނުން މުހިންމު ކަމަށާއި ރާއްޖޭގެ ވޯޓްލާ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށް ވާއިރު ޒުވާނުންގެ އިތުބާރު އެމްޑީޕީއަށް ހޯދޭނޭ އެމްޑީޕީގެ އިސް ސަފުން ޒުވާނުން ފެނިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ