ސަރުކާރުން ލޮޖިސްޓިކް ވިޔަފާރިއަށް ވަނުމުން، އަމިއްލަ ވިޔަފާރިތަކަށް ވާނީ ގެއްލުން، ވާނީ އިތުރަށް ނިކަމެތި: ޝާހިދު

ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން އެ ދާއިރާގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބި، ރައްޔިތުން އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދަން ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ޚިލާފު، އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. ޝާހިދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަސްލު ދައުރަކީ ވިޔަފާރިތަކާ ވާދަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރަންޖެހޭ ކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުމެވެ. ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލައި، އިގްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://x.com/abdulla_shahid/status/2020153307743023549 މި ނިންމުމުގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅޭ އެތައް އާއިލާއަކަށް މާލީ ގޮތުން ތަކުލީފުތަކާ ކުރިމަތިލާންޖެހި، ދިވެހި އާއިލާތަކުގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިކަމުގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ކުރާނެ އިތުރު ގޮތްތައް ވެސް ޝާހިދު ވަނީ ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން: އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް މަދުވުން. ވަޒީފާގެ ފުރުސަތުތައް ގެއްލިގެން ދިއުން. ގައުމުގެ އިގްތިޞާދީ ދުވެލި މަޑުޖެހުން. ވިޔަފާރީގެ ދާއިރާގައި އޮންނަ އިތުބާރު ގެއްލުން. އެހެންކަމުން ރައްޔިތުންނަށް ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްކުރުމަށާއި އިގްތިޞާދީ ހަމަތައް ނެގެހެއްޓުމަށް ޓަކައި، ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން ބަދަލުކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ. މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ ކުންފުންޏެއް ތައާރަފްކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ޚިދުމަތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ