އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދު ގަންނަން ހާއްސަ ފެސިލިޓީއެއް

އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކަނޑު އުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، 'ވެސަލް ފައިނޭންސިން'ގެ ނަމުގައި އާ ފައިނޭންސިން ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފިއެވެ.މި ފައިނޭންސިންގެ ދަށުން 5 މިލިއަން ރުފިޔާ އާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. އެސްއެމްއީ ޑިޖިޓަލް އިން ބުނީ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދީ، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރާ ހަމައަށް މުއްދަތު ލިބޭނެ ކަމަށެވެ.އެސްއެމްއީ ޑިޖިޓަލްއިން އިތުރަށް ބުނީ މި ފައިނޭންސިން މެދުވެރިކޮށް މަސްވެރިކަމާއި ފަތުރުވެރިކަމާއި މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާ އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންއަކީ ރާއްޖޭގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމަށް ހުޅުވާދެވުނު މުހިންމު މަގެއް ކަމަށެވެ. މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިން ހޯދުމުގައި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ."އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށް ވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގުތިސާދު ހަރުދަނާކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން،" ބަދުރުއްދީން ހަސަން ވިދާޅުވެފައިވެއެވެ.އެ ކުންފުނިން ވަނީ މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު، އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ