ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކައިފި ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކައިފި

ދައުލަތުގެ ރަސްމީ ރިޒާވާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ބޭނުންކޮށްގެން ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދައްކާފައިވާ ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި 500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކޮށްފައި ކަމަށެވެ. އަދި މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
އެސްޑީއެފްގައި ހުރި ފައިސާ އާއި ރިޒާވު ބޭނުންކޮށްގެން ސުކޫކު ދެއްކި ކަމަށް ފިނޭންސުން ބުނި ނަމަވެސް އޭގެ ތަފުސީލުތަކެއް ނުދެ އެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ފައިސާ ދެއްކުމަށް ފަހު އޭގެ ތަފުސީލުތައް ހާމަކުރާނެ ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން އެމްޑީޕީ ސަރުކާރުގައި ވިއްކި މި ބޮންޑަކީ އޭގެ ކުރީ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑް އަދާކުރަން ވިއްކި ބޮންޑެކެވެ. ފިނޭންސުގެ ބަޔާނުގައި މިކަން ފާހަގަކޮށް، ކުރީ ސަރުކާރަށް ފާޑުކިޔަމުން ބުނީ، އެ ފައިސާ ނެގީ އަނބުރާ ދެއްކޭނެ ގޮތެއް ނުހޯދާ ކަމަށެވެ.
"ދުނިޔެ އާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑުއަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތި". ފިނޭންސުން ބުންޏެވެ.
ކުރީ ސަރުކާރުން މިހެން ކަން ކުރި ނަމަވެސް، ފިނޭންސުން ބުނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ސުކޫކު އަނބުރާ ދައްކަން މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށި ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އެސްޑީއެފްއަށް ޑޮލަރު ޖަމާކުރަން ފެށުމާއި އެ ފަންޑަށް ޖަމާކުރާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ބޮޑުކުރުން ފާހަގަކުރި އެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ ޑޮލަރު ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށް ވުރެ އިތުރުވި ކަމަށް ފިނޭންސުން ބުންޏެވެ. މިކަން ފާހަގަކުރި ނަމަވެސް މި 350 މިލިއަން ޑޮލަރުގެ ތެރެއިން ސުކޫކު ދައްކަން އަނބުރާ ބޭނުންކުރި ވަރެއް ބަޔާނުގެ އެއްވެސް ހިސާބެއްގައި ނެތެވެ.
ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ