ޣައްޒާގައި އިންސާނުން "ވިރުވާލާ" ފަދަ ނުރައްކާތެރި ހަތިޔާރު އިޒްރޭލުން ބޭނުންކުރަނީ

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެމެރިކާއިން ފޯރުކޮށްދީފައިވާ "ތާމަލް" އަދި "ތާމޯބެރިކް" ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް އަލްޖަޒީރާ ނޫހުން ކުރިއަށް ގެންދިޔަ ހޯދުމަކުން ހާމަވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އަލް ޖަޒީރާއިން ހޯދި ހޯދުންތަކުގެ މައްޗަށް ތައްޔާރުކޮސް ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، މި ހަތިޔާރުތަކުގެ ސަބަބުން އުފެދޭ ގަދަ ހޫނާއި ޕްރެޝަރުގެ ސަބަބުން، ހަމަލާ އަމާޒުވާ މީހުންގެ ހަށިގަނޑުން ފެންނާނެ އެއްވެސް ނިޝާނެއް ނެތި މުޅި ހަށިގަނޑު ވިރުވާލައެވެ.
މި ހޯދުންތަކުން އެނގުނު މައުލޫމާތުތަކަށް ބަލާއިރު، މިފަދަ ލާއިންސާނީ ކަންކަން ހިނގަނީ ޒަމާނީ ބޮންތައް ބޭނުން ކޮށްގެންނެވެ. މި ބޮންތަކުގައި ބޭނުންކޮށްފައިވާ "ޓްރައިޓޯނަލް" ފަދަ ގޮވާތަކެތީގެ ސަބަބުން، ހަމަލާދޭ ވަގުތު ހޫނުމިން 3,000 އާއި 3,500 ޑިގްރީ ސެލްސިއަސްއާ ދެމެދަށް އުފުލިގެންދެއެވެ. މިއީ އިންސާނާގެ މަސްތަކާއި ކަށިތައް އެއްކޮށް ވިރުވާލައި، އާވީގެ ގޮތުގައި ބޭރުކޮށްލުމުގެ ގާބިލުކަން ލިބިގެންވާ ހޫނުމިނެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއާއި އެކު މަރުވާ މީހުން ވަޅުލާނެ ހަށިގަނޑެއްގެ މިންވަރުވެސް ފެންނާކަށް ނޯވެއެވެ. 
ޣައްޒާގެ ސިވިލް ޑިފެންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 2,842 ފަލަސްތީނު ރައްޔިތުން މިފަދަ ހަމަލާތަކުގައި "ވިރިގެން" ގޮސްފައިވެއެވެ. މި ހަމަލާތަކަށްފަހު ހަމަލާދޭ ސަރަހައްދުތަކުން މީހުން ހޯދުމަށް ކުރާ މަސައްކަތުން، އެއްވެސް މަސްކޮޅެއް ނުވަތަ ކަށްޓެއް ފެންނަން ނެތި، ހަމައެކަނި ފެންނަނީ ލޭގެ ތިކިތަކާއި ކުދިކުދި ސެލްތަކެވެ. 
ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިފަދަ ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު، ހަނގުރާމައިގެ ޖަރީމާއެކެވެ. މީގެ ޒިންމާ އިޒްރޭލުގެ ސިފައިންގެ އިތުރުން، މި ހަތިޔާރުތައް ފޯރުކޮށްދޭ ގައުމުތަކުންވެސް އުފުލަންޖެހޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި ރިޕޯޓު ނެރެފައި މި ވަނީ، ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުން (އައި.ސީ.ޖޭ) ވަގުތީ ފިޔަވަޅުތަކެއް އެޅުމަށް އަމުރުކޮށްފައިވަނިކޮށް އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނިކޮށް، ގައްޒާގައި އިޒްރޭލުގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ