ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އާ ހޯމް ފައިނޭންސިންއެއް ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބީއެމްއެލުން އާ ހޯމް ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކު ތައާރަފުކުރި އެ ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށާއި އެ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިގުތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށްވާ އިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އެ ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހިންނަށެވެ. އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށް ވެސް ބަލާނެއެވެ. އަދި އެ އާމްދަނީ ވާންޖެހޭނީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ ފައިސާއަށެވެ.
އޭގެ އިތުރުން ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފައިނޭންސިން ފެސިލިޓީ ދޫކުރާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އެހެންކަމުން އެ ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިހުތިޔާރުކުރާ ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް އެ ފެސިލިޓީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ ބޭންކުން ބުންޏެވެ.
ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެ ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. އަދި އިތުރު މައުލޫމާތު https://www.bankofmaldives.com.mv އިން ލިބެން ހުންނާނެއެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހޯމް ފައިނޭންސިން ސްކީމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ