ވަރިއަށްވުރެ ޞުލްޙަކުރުން ހެޔޮކަން ބޮޑެވެ.

މި ޤަވާޢީދަކީ މުޖްތަމަޢު ބިނާކުރުމުގެ އަސާސީ ޤަވާއިދެކެވެ. އަދި ރޫޅެމުން ހަލާކުވަމުން ނެތެމުންދާ ކޮންމެ ގުޅުމެއް އަލުން ގުޅުވާ ޞުލްޙަކުރުމުގެ ޤަވާޢިދެވެ. މި ޤަވާޢީދު ކީރިތި ޤުރުއާނުގައި މާތް ﷲ ގެންނަވައިފައި ވަނީ ދެމަފިރިންގެ ދެމެދު އުފެދޭ ހަމަނުޖެހުންތަކުގައި ޚިޔާލު ތަފާތުވެ އެކުއުޅެން އުނދަގޫވާ ހިސާބަށް ގޮސް ވަރިވާން ނޫނީ ވަކިވާން އެދޭހިނދު، ވަކިވެ ދިޔުމަށްވުރެ އެ ދެމީހުން އެދޭ ގޮތެއްގެ މަތީ އެކުއުޅުމަށް ޞުލްޙަވުން މާ ހެޔޮކަން ބޮޑުކަމުގައި ބަޔާންކޮށްދެއްވުމަށެވެ. الله سيحانه وتعالى ވަޙީކުރެއްވިއެވެ. ﴿وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا وَالصُّلْحُ خَيْرٌ وَأُحْضِرَتِ الْأَنفُسُ الشُّحَّ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا﴾ )النساء: ١٢٨( ‏މާނައީ: "ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެ މީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން އިޙްސާންތެރިވެ އަދި ތަޤުވާވެރިވާ ނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." މީސްތަކުން ޞުލްޙަކުޅައުމަށް އެންގެވި ހުރިހާ އާޔަތެއް ވެސް ވަނީ ކީރިތި ޤުރުއާނުގެ މި އަސާސީ ޢަމަލީ ޤަވާޢިދުގެ މަތީގައި ކަމަށް ބުނެވިދާނެއެވެ. މި ޤަވާޢިދު ބަޔާންކޮށްދެއްވި ނިސާ ސޫރަތުގައި ވަރަށް ޙައްސާސީ ދަނޑިވަޅެއްގެ ވާހަކަ، ބަޔާންކުރައްވައި ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا﴾ ‎)النساء: ٣٥‏( ‏މާނައީ: "އެ ދެ މީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެ ކަމާމެދު ތިޔަބައިމީހުން ބިރުގެންފި ނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެ ދެ މީހުން ޤަޞްދުކުރާ ނަމަ، ﷲ، އެ ދެ މީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ." މިއާޔަތުގައި އޮތް ޤަވާޢިދު ތައުކީދުކޮށްދެއްވަމުން ابن عطية (އިބްނު ޢަޠިއްޔާއަކީ ހިޖުރައިން 400ގެ ފަހުކޮޅުގައި އަންދަލުންގައި އުޅުއްވި ސުންނީ ޢީލްމުވެރިއެއް) އެކަލޭގެފާނުގެ ފޮތް "އަލްމުޙައްރަރުލް ވަޖީޒި ފީ ތަފްސީރި ކިތާބިލް ޢަޒީޒި"ގައި ލިޔުއްވައިފައި ވެއެވެ. ((الله تعالىގެ ވަޙީބަސްފުޅު ﴿وَالصُّلْحُ خَيْرٌ﴾ " ޞުލްޙަވުން ހެޔޮކަން ބޮޑެވެ." މިއީ ޙަޤީޤީ މާނައިގައި ޞުލްޙަވުން ރަނގަޅު ކަމަށް ދަލީލުކުރާ އާންމު ލަފުޒެކެވެ. އެބަހީ ޙަޤީޤަތުގައި ވެސް އެ ދެމަފިރިން އެކުވެރިވެ އެއްބައިވަންތަކަމާ އެކު ޚިޔާލު ތަފާތުވުން ދުރުކޮށްގެން އުޅުން، ވަރިކުރުމަށްވުރެ ހެޔޮކަން ބޮޑުކަން ބަޔާންކުރާ އާންމު އިބާރާތެކެވެ. އެހެންކަމުން މީގެ އާންމު ޤަވާޢިދަކީ (ތިމަންމެން ކުރިން ވެސް ބުނިހެން) ވަރިކުރުމަށްވުރެ އެކު އުޅުން ހެޔޮކަން ބޮޑެވެ.)) މި އާޔަތުގެ ޚުލާޞާ މާނައަކީ: ފިރިމީހާ އަނބިމީހާއާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެ ކަމަށް އަންހެނަކަށް ބިރު ހީވެއްޖެ ނަމަ، އެ އަންހެނާއަށް ލިބުން ޙައްޤުވާ ކަންކަން އޭނާގެ ފަރާތުން ދޫކޮށްލައިގެން ވެސް އެ ފިރިހެނާއާ އެކު އުޅުމަށް ޓަކައި އެ ދެ މީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްޙަވުމަކުން ޞުލްޙަވުމާމެދު، އެ ދެ މީހުންގެ މައްޗަކަށް ކުށެއްނެތެވެ. އޭގެތެރޭގައި އޭނާއަށް ލިބެންޖެހޭ ޙައްޤުތަކުގެ ތެރެއިން، ޚަރަދު ބަރަދަކަސް، އުނުއޮރިޔާން ނިވާކުރާނޭ ފޭރާމަކަސް، ދިރިއުޅޭނޭ ގެދޮރަކަސް، މިއިން ކޮންމެ ކަމެއް ވެސް އޭގެ އެންމެ މަދުމިނަށް ލިބިގަތުން އެދިގެން އޭނާގެ ފިރިމީހާއާ އެކު އުޅުމަށް ޓަކައި ޞުލްޙަވުން ހެޔޮކަން ބޮޑެވެ. ނުވަތަ އޭނާއަށް ލިބެން ޖެހޭ ބައިތައް ދޫކޮށްލައިގެން އުޅުމަށާއި އޭނާގެ ރޭތައް ވެސް އޭނާގެ ފިރިމީހާއަށް ދީ، ނުވަތަ އޭނާގެ ފިރިމީހާގެ އެހެން އަނބިންނަށް ދޫކޮށްލައިގެން ވެސް ވަރިނުވެ، ކާވެނި ދެމެހެއްޓުމަށް މަސައްކަތް ކުރުން ހެޔޮކަން ބޮޑެވެ. އެ ފިރިހެނާއާ އަންހެނާއާ ދެ މީހުން މި ގޮތްތަކުގެ މަތީގައި އެއްބަސްވެ ރުހޭ ނަމަ، އެ މީހުންގެ މައްޗަށް، އެބަހީ އެ އަންހެނާއަކަށް ވެސް އަދި އެ ފިރިހެނާއަކަށް ވެސް ކުށެއްނެތެވެ. އަދި މި ހާލަތުގައި އެ އަންހެނާ އެ ފިރިހެނާއާ އެކު ވަރިނުވެ ކާވެނި ދެމެހެއްޓުން ހެޔޮވެގެން ވެއެވެ. الله تعالىގެ ވަޙީބަސްފުޅުގައި ވާ ފަދައިންނެވެ. ﴿وَالصُّلْحُ خَيْرٌ﴾ " ޞުލްޙަވުން ހެޔޮކަން ބޮޑެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ