ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވުމުން އެފްއޭ ކަޕްގައި މާޒިޔާގެ ކޯޗަކަށް ސުޒެއިރު ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވުމުން އެފްއޭ ކަޕްގައި މާޒިޔާގެ ކޯޗަކަށް ސުޒެއިރު

މި ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގައި ޖުމްލަކޮށް ކާމިޔާބު މަސައްކަތްތަކެއް ކުރި ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވުމާ އެކު، ސީޒަންގެ ފަހު މުބާރާތް އެފްއޭ ކަޕްގައި މާޒިޔާގެ ކޯޗުގެ ޒިންމާ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރު (ކޮއްކޮ)އާ ހަވާލުކޮށްފި އެވެ.
މި ސީޒަނުގައި މާޒިޔާ ގޮވައިގެން ހެނާންޑޭޒް ވަނީ އެފްއޭއެމް ލީގު ކަޕް ޗެމްޕިއަންކަމާއި ޗެރިޓީ ޝީލްޑް ވެސް އުފުލާލައިފަ އެވެ. ތަޖުރިބާކާރު ކޯޗު ހެނާންޑޭޒް މި ވަނީ މީގެ ކުރިން ދެކުނު ކޮރެއާ، ކުވެއިތު، ލިތުއޭނިއާ އަދި އުޒްބެކިސްތާނުގައި އެކި މަސައްކަތްތަކެއް ކޯޗިންގައި ކޮށްފަ އެެވެ.
މާޒިޔާ އަށް އޭނާ އެންމެ ފަހުން އިރުޝާދު ދިން މެޗަކީ، ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގަ އެވެ. މިއީ، މި ސީޒަނުގައި ދިވެހި ޓީމެއް އަތުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ހެނާންޑޭޒް ވަނީ މާޒިޔާ އަށް 30 މެޗުގައި ކޯޗުކޮށްދީފަ އެވެ. އޭގެ ތެރެއިން 24 މެޗުން މޮޅުވިއިރު، ހަތަރު މެޗުން އެއްވަރުވެ، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ބަލިވި ދެ މެޗަކީ، ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އޮޑި އަތުންނާއި އޭއެފްސީ ޗެލެންޖު ލީގުގައި ކުވެއިތުގެ އަލް އަރާބި އަތުންނެވެ.
ސުޒެއިރު (ވ) އެފްއޭއެމް ލީގު ކަޕްގެ ތަށި ހިފައިގެން.---- ފޮޓޯ: އަދަދު ސްޕޯޓްސް
މާޒިޔާގެ ކޯޗިން ޓީމުގައި އަބަދުވެސް ފެންނަ އެއް ފަރާތަކީ ކޮއްކޮ އެވެ. މީގެ ކުރިން ވެސް މާޒިޔާއާ ހަވާލުވާ ކޯޗުންގެ ކޮންޓްރެކްޓް ހަމަވެ، އެހެން ނޫން ގޮތަކަށް ވެސް ކޯޗަކު ޓީމާ ވަކިވާން ޖެހިއްޖެނަމަ، ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވަނީ ކޮއްކޮ އެވެ.
މި ފަހަރުގެ ސީޒަނުގައި ވެސް ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވުމުން، މާޒިޔާ އިން ނިންމާފައިވަނީ އެ ޓީމު ލީޑުކުރުމުގެ ޒިންމާ ކޮއްކޮއާ ހަވާލުކުރުމަށެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފައިވާ ކޮއްކޮ، އެންމެ ފަހުން ވެސް މާޒިޔާ ޓީމުގެ ހެޑް ކޯޗަކަށް މަސައްކަތްކޮށްފައިވަނީ، އެފްއޭ ކަޕެއްގަ އެވެ.
އެ ގޮތުން، 2022 ވަނަ އަހަރުގެ އެފްއޭ ކަޕާ މާޒިޔާ އިން ކުރިމަތިލިއިރު، އެ ފަހަރު އެ ޓީމުގެ ކޯޗަކަށް ހުރި ސާބިއާގެ މިއޮޑްރަގް ޖެސިޗް، އަށް ސައުދީ އަަރަބިއްޔާގެ ޓީމަކުން ލިބުނު އޮފާއަކާ އެކު، އޭނާ އަށް މާޒިޔާ ދޫކޮށްލަން ޖެހުނެވެ. އެހެންވެ، ޖެސިޗް ދިއުމާ އެކު، މާޒިޔާގެ ކޯޗުކަން އެފްއޭ ކަޕަށް ހަވާލުކުރީ ކޮއްކޮއާ އެވެ.
އެ ފަހަރުގެ ފައިނަލުގައި، ކޮއްކޮގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ ކްލަބް ވެލެންސިއާ 2-0 އިން ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ. އެ އަހަރުގެ ފަހުން، އެފްއޭ ކަޕް އަދި ނުބާއްވާއިރު، މާޒިޔާ އިން ތަށި ދިފާއުކުރަން ނުކުންނައިރު ވެސް ހެޑް ކޯޗެއްގެ މަގާމުގައި ހުންނާނީ ކޮއްކޮ އެވެ.
އަންނަ މަހު ފަށާ މި ސީޒަނުގެ އެފްއޭ ކަޕްގައި، ފުރަތަމަ ޑިވިޝަނުން އެފްއޭ ކަޕްގައި ނުކުޅެނީ، ވެލެންސިއާގެ އިތުރުން ކްލަބް ގްރީން ސްްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. ފުރަތަމަ ޑިވިޝަންގެ ހަތް ކްލަބްގެ އިތުރުން، ދެން، އެފްއޭ ކަޕްގައި ކުޅެނީ، ތިން ވަނަ ޑިވިޝަނުގައި ކުޅެން ތައްޔާރުވަމުން އަންނަ ބްލޫސް ސްޕޯޓްސް ކްލަބް އވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅޭ، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ދެ މެޗުގައި ބައްދަލުކުރާނީ، ކްލަބް އީގަލްސް އާއި ބްލޫސްގެ އިތުރުން ނިއު އާއި އޮޑި އެވެ. އަދި، އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ އެފްއޭ ކަޕް ކުއާޓާ ފައިނަލް ދެ މެޗަށް ބަލާއިރު، ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އަދި، އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ބައްދަލުކުރާނީ ބުރުއާ އެވެ.
މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ، ރާއްޖޭގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުނީ ދެ ފަހަރު އެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލް އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި، ފައިނަލް މެޗު އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ