އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގޭ، އަޒުހީމް ސަޢީދު، 36، އާއި ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް، ޢަލީ ޝަފާޒު، 31، ގެ އިތުރުން އައްޑޫ ހިތަދޫ ކުޅިބަލާގޭ މުޙައްމަދު ޖުނައިދު، 47، އެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަޒުހީމް ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 3،500ރ.ހޯދާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 12 ގަ އެވެ.
މި މައްސަލައާ ގުޅިގެން އަޒްހީމްގެ ބަންދަސް ޖެހި މުއްދަތު ހަމަވާނީ އަންނަ މަހުގެ 27 ގަ އެވެ.
ޝަފާޒު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4،500ރ. ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 27 ގަ އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް މުއްދަތު ޖަހާފައި ވަނީ އަންނަ މަހުގެ 12 އާ ހަމައަށެވެ.
ޖުނައިދު ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29،987ރ. ހޯދާފައިވާ މައްސަލައަކާ ގުޅިގެންނެވެ. މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދަށް ޖެހި މުއްދަތު ހަމަވާނީ އަންނަ މަހުގެ 5 ގަ އެވެ.
އޮޅުވާލައިގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ