ޝާހުގެ ފިލްމު 'ކިންގް'ގެ ދުބާއީ ޝޫޓިންގް ކެންސަލްކޮށް ސަހަރާގެ މަންޒަރުތައް މުމްބާއީއަށް

މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވުމުގެ ސަބަބުން، ޝާހްރުކް ޚާންގެ "ކިންގް" ގެ ދުބާއީ ޝޫޓިންގް ކެންސަލްކޮށް ސަހަރާގެ މަންޒަރުތައް މުމްބާއީއަށް ބަދަލުކޮށްފިއެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށް، ޝާހްރުކް ޚާން ލީޑް ރޯލުން ފެންނަ ކުރިއަށް އޮތް އެކްޝަން ފިލްމު "ކިންގް"ގެ ޝޫޓިންގް ތާވަލަށް ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލު ގެނެސްފައި ވަނީ މެދުއިރުމަތީގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، ދުބާއީގައި ކުރިއަށް ގެންދަން ރޭވި ޝޫޓިންގް ކެންސަލް ކުރުމާ ގުޅިގެންނެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ 'މިޑް-ޑޭ'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަނިލް ކަޕޫރާއި ސުހާނާ ޚާން ފެންނަ ސަހަރާގެ އެކްޝަން މަންޒަރުތަކެއް އޭޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން ދުބާއީގައި ނެގުމަށް ކުރިން އޮތީ ރޭވިފައެވެ. އެއް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމި މި ޝޫޓިންގް މުމްބާއީއަށް ބަދަލުކޮށްފައި ވަނީ ޝޫޓިންގް ކުރިއަށް ގެންދަން ބޭނުންވާ ހުރިހާ ހުއްދައެއް ވެސް ލިބިފައި ވަނިކޮށެވެ. ނަމަވެސް، ފިލްމުގެ ޓީމުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، މިހާރު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ފިލްމު "ކިންގް"ގެ ޓީޒާގެ މަންޒަރެއްގައި ޝާހްރުކް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިން މަސްދަރަކުން ބުނިގޮތުގައި، ދުބާއީގައި ޝޫޓްކުރުމަށް ބޭނުންވާ ހުއްދަތައް ލިބިފައިވީ ނަމަވެސް، ސަރަޙައްދުގެ މަސްރަހު ބަދަލުވަމުންދާ ގޮތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެތީ، ކާސްޓުންނާއި ކްރޫންގެ ރައްކާތެރިކަމަށްޓަކައި އެ ދަތުރު ކެންސަލްކުރީއެވެ. މި ބަދަލާ އެކު، ފިލްމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، މުމްބާއީގެ ވިލޭ ޕާލޭގައި ހުންނަ ސްޓޫޑިއޯއެއްގައި ވަނީ ސަހަރާއެއްގެ ސެޓު ތައްޔާރުކޮށްފައެވެ. ޑައިރެކްޓަރު ސިދާތު އާނަންދުގެ ތަސައްވުރާ އެއްގޮތަށް، ވަރަށް ފުރިހަމައަށް އަދި ބޮޑު ހޭދައެއް ކޮށްގެން މި ސެޓު ތައްޔާރުކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ފިލްމު "ކިންގް" އަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމެކެވެ. ޝާހްރުކް ޚާން، ސުހާނާ ޚާން އަދި އަނިލް ކަޕޫރުގެ އިތުރުން، މި ފިލްމުގައި އަބީޝެކް ބައްޗަން، ރާނީ މުކަރުޖީ، ދީޕިކާ ޕަދުކޯން، އަރުޝަދު ވަރްސީ، ޖައިދީޕް އަހްލާވަތު، ސޯރަބް ޝުކްލާ، އަބޭ ވަރުމާ އަދި ރާގަވް ޖުޔަލް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެންނާނެއެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު 24ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ