އިސް ގާޒީ އަދި އިސް ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލައިފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށައި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އިސްގާޒީ އަދި އިސް ފަނޑިޔާރުގެ މަގާމަކީ ކްރިމިނަލްކޯޓާއި ހައިކޯޓަށް އައްޔަނު ކުރެވިފައިވާ އަދި އެ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށް ހުށަހެޅިފައިވާ ފުރުސަތެކެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މި ދެ މަގާމަށް ކުރިމަތިލައްވާ ފަނޑިޔާރުން އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ސިޓީ އަކުން އެކަން ޖޭއެސްސީގެ ރަސްމީ އިމެއިލް، [email protected] އަށް ފޮނުވުމުން ބަލައިގަންނާނެ ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިގެ ގޮތުގައި 31،000 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭއިރު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން މެޑިކަލް އެލަވެންސާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސް ވެސް ލިބޭނެ އެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގެ މުސާރައިގެ ގޮތުގައި 38،000 ރުފިޔާ، ލިވިން އެލަވެންސަށް 15،000 ރުފިޔާ އަދި ރިސްކް އެލަވެންސް އަށް 3،300 ރުފިޔާ ލިބޭއިރު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން މެޑިކަލް އެލަވެންސާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސް ވެސް ލިބޭނެ އެވެ. އިސްފަނޑިޔާރުންނާއި އިސް ގާޒީން އައްޔަނު ކުރަނީ މ"ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ. ޖޭއެސްސީ އިން ވަނީ ބ، ގއ، ގދ އަދި ހއ ގެ އިތުރުން ހދ، ނ، ށ، އަދި ވ، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމަށް ވެސް ހުޅުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ