އަދީބުގެ މައްޗަށް އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލި ގާޟީ ސަސްޕެންޑްކޮށްފި

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި 7 ދައުވާވެސް ކޯޓުން ބޭރުކޮށްލި، ކްރިމިނަލް ކޯޓުގެ ގާޟީ އިސްމާއިލް ރަޝީދު 2 މަސްދުވަހަށް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.
އެކޮމިޝަނުން މިގޮތަށް ނިންމީ، މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާގައެވެ.
މިކަމާ ގުޅޭގޮތުން، ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ގާޟީ އިސްމާއިލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތުކުރެވޭ އެ ކޮމިޝަނުން ތަހްގީގު ކުރަމުންދާއިރު، އެ މައްސަލައިގެ ބާވަތަށާއި، އެ މައްސަލައާ ގުޅޭގޮތުން ހުށަހެޅިފައިވާ ހެއްކަށާއި، އަދި މައްސަލަ ތަހްގީގު ކުރާއިރު ގާޟީ އިސްމާއިލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހްގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ހަވާލާދީ، ގާޟީ އިސްމާއިލް ރަޝީދު، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މިއަދު ބޭއްވުނު ކޮމިޝަންގެ ޖަލްސާއިން ވަނީ ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން، ބ. ދަރަވަންދޫ ކޯޓުގައި ހިނގަމުންދާ ގަޟިއްޔާއަކާ ގުޅުންހުރި ކަންތައްތަކަކާ ގުޅިގެން، އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލަކު ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާއާ ގުޅޭގޮތުންވެސް ޖޭއެސްސީން ނިންމިގޮތް ހާމަކޮށްފައި ވެއެވެ.
އެގޮތުން، އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލަކު ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ފާހަގަނުވާތީ އެ މައްސަލަ ނުބަލަން މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ނިންމިކަންވެސް ހާމަކޮށްފައިވެއެވެ.
ފާނޑިޔާރަކު، ގާނޫނު މާނަކުރި ގޮތެއްގެ ނުވަތަ ދިން ރަޢުޔެއްގެ ނުވަތަ ކުރި ޙުކުމެއްގެ ސައްހަކަމާ ގުޅޭގޮތުން، ފަނޑިޔާރެއްގެ އެއްވެސް މައްސަލައެއް ކޮމިޝަނުން ބަލަމުން ނުދާކަމަށްވެސް ޖޭއެސްސީން ހާމަކޮށްފައި ވެއެވެ. އަދި އެފަދަ މައްސަލައެއް ނުބަލާނެ ކަމާއި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރާނީ ދުސްތޫރީ އަދި ގާނޫނީ އިމުގެ ތެރެއިންކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
ޖޭއެސްސީގެ މަސައްކަތްތަކާ ގުޅޭގޮތުން ބުނެފައިވަނީ، މިއަހަރުގެ ފުރަތަމަ 6 މަހުގައި ޖުމްލަ 107 މައްސަލައިގެ މަސައްކަތް ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެމަތިން "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކުރިއިރު، އޭގެތެރެއިން 17 މައްސަލައަކާ ގުޅިގެން އެ މައްސަލަތައް ނިސްބަތްވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، 56 މައްސަލައިގައި ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލެވޭނެފަދަ ކަމެއް ފާހަގަ ނުވާކަމަށް ނިންމާފައި ވެއެވެ.
މީގެއިތުރުން، 58 މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމުމުގެކުރިން، އެ މައްސަލައަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް އެ ކޮމިޓީންދަނީ ކުރަމުންނެވެ.
މީގެއިތުރުން، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް، ތަހްގީގުނިމި، 6 ފަޑިޔާރަކާމެދު ފިޔަވަޅު އަޅާފައިކަންވެސް ހާމަކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ