ބޭންކް އޮފް އިންގްލެންޑުން ހިފެހެއްޓި ވެނެޒުއޭލާގެ ރަންތައް ދޭން ކޯޓުން އަމުރެއް ނުދިން
އިނގިރޭސިވިލާތުގެ ބޭންކް އޮފް އިންގްލެންޑުން ފްރީޒް ކުރި ވެނެޒުއޭލާގެ ރަންތައް ދޫކޮށްދޭން ހުށަހެޅި މައްސަލައިގައި ކޯޓުންވެސް އެގޮތަށް އަމުރެއް ނެރެ ނުދިނެވެ. ބޭންކް އޮފް އިންގްލެންޑުން ހިފަހައްޓައިފައިވަނީ އެއް ބިލިއަން ޑޮލަރުގެ ގޯލްޑް ރިޒާވް އެވެ. ކޯޓުން ކުރި ހުކުމްގައި ބުނީ ވެނެޒުއޭލާގެ ރައީސްއަކީ ނިކޮލޮސް މަދޫރޯ ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ. އަދި ހަގީގީ ރައީސްއަކީ ހުއާން ގުއައިޑޯކަމަށްވެސް ބުނެފައިވެ އެވެ. ވެެނެޒުއޭލާއިން ބުނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމު އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ފައިސާ ބޭނުންވާ ކަމަށެވެ. އަދި ފްރީޒް ކޮށްފައިހުރި ރަަންތައް ލިކުއިޑޭޓްކޮށް އދ. ގެ ޑިވޮލޮޕްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެއްޗާއި ކާނާ ގަންނަން ބޭނުންވާ ކަމަށެވެ. ވެނެޒުއޭލާގައި 2018 ވަނަ އަހަރު ބޭއްވި އިންތިހާބްގައި އެ ގައުމުގެ މިހާރުގެ ރައީސް މަދޫރޯ ވަނީ އިތުރު ދައުރަކަށް އިންތިހާބްވެފައެވެ. ނަމަވެސް އިންތިހާބްގައި މަކަރު ހަދައިފައިވާ ކަމަށް ބައެއް ގައުމުތަކުން ތުހުމަތުކުރެއެވެ. އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން ރައީސްގެ ގޮތުގައި ބަލައިގަންނަނީ އިދިކޮޅު ލީޑަރު ހުއާންއެވެ. ހުއާންއަކީ ރައީސްކަމަށް އިނގިރޭސިވިލާތުން ބަލައިގަތްތާ ކުޑަދުވަސްކޮޅެއް ތެރޭ އެ ރަންތައް ވަނީ ފްރީޒްކުރި އެވެ. ކޯޓުގެ ނިންމުމަށް ހުއާން ވަނީ މަރުހަބާ ކިޔައިފަ އެވެ. "މިއީ ވެނެޒުއޭލާގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް. އޭގެން އެނގޭ ބާރުތައް ވަކި ކުުރުމުގެ މުހިންމުކަން. ރަންތައް އެ ހުރީ ހުންނަންވާ ތަނުގައި. މަދޫރޯ އުޅެނީ އެ ރަންތައް ނަގަންވެގެން. ވެނެޒުއޭލާގެ ރައްޔިތުންގެ ހައްގުގައި އެ ރަންތައް މިހާރު އެ ހުރީ ރައްކާތެރިކަމާއެކު" ހުއާންގެ ފަރާތުން އިނގިރޭސިވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ރައީސް ވެނީސާ ނިއުމަން "ސީއެންއެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. ވެނެޒުއޭލާގެ ސެންޓްރަލް ބޭންކުން ބުނީ އެ ނިންމުން ގަބޫލު ނުކުރާ ކަމަށާއި އަދި މައްސަލަ އަލުން އިސްތިއުނާފް ކުރާނެ ކަމަށެވެ. މީގެ ކުރިންވެސް އެ ރަންތައް އަނބުރާ ހޯދުމަށް މަދޫރޯގެ ސަރުކާރުން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް މައްސަލަ ކާމިޔާބެއް ނުވި އެވެ. ނިއު ޔޯކް ފެޑެރަލް ރިޒާވްއަށް ފަހު ދުނިޔޭގައި އެންމެ ގިނައިން ރަން ހުންނަނީ ބޭންކް އޮފް އިންގްލެންޑްގައެެވެ. އެ ތަނުގައި 400،000 ރަން ބާ ހުންނަ އިރު އޭގެ އަގު 200 ބިލިއަން ޑޮލަރަށް އަރައެވެ. --ސީއެންއެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ