ކްރިމިނަލް ކޯޓަށް ހޯދާ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފި

ކްރިމިނަލް ކޯޓަށް ހޯދާ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފިއެވެ.
ހައި ކޯޓަށް ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފައި ވަނީ މި މަހުގެ 6ވަނަ ދުވަހުއެވެ.
ނަމަވެސް މިއަދު ޖޭއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެކޯޓަށް ހޯދަން ނިންމާފައިވާ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަަމަށެވެ. އެގޮތުން މިހާރު އެކޯޓަށް ހޯދަނީ ދެ ފަނޑިޔާރުން ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ލިޔެކިއުންތައް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މުސާރައަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްއަކީ 15،000 ރުފިޔާ އެވެ. ރިސްކް އެލަވަންސްއަކީ 3،300 ރުފިޔާ އެވެ.
ކްރިމިނަލް ކޯޓަށް ހޯދާ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފައިވާއިރު އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމާއި ގުޅޭ ގޮތުން ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ