ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމެއް ނުވާކަން ދެއްކުމުގެ ގޮތުން ކުންފުނިތަކާއި ވުޒާރާތަކުން އެއްވެސް މަސައްކަތް ނުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް އިންޒާރު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ހުސައިން މިފަދަ އިންޒާރެއް ދެއްވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތަކަށް ވަކި ކަމެއް ކުރަން އެންގުމުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވުޒާރާތަކުން "ބޮނޑު ނަގުލަށް ފިތާލައިގެން ތިބުން" އެއީ ރައްޔިތުންގެ މަޖިލީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މާލޭގައި މިމަހުގެ 20 ވަނަ ދުވަހު ހިނގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެތައް ގެއެއް އަނދާ ހުލިވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު ހާދިސާއަށް ފަހު ކަންކަން ހިނގަމުންދާ ގޮތަށްވެސް ހުސައިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހުސައިން ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރުގެ "މެގަ" ކުންފުނިތަކުގެ ވެރިން ތިބީ ކުޅިބަލަން ކަމަށެވެ. އަދި ދެން ތިއްބެވި ބޭފުޅުން ތިއްބެވީ އަތް ޖަހަން ކަމުގައިވެސް ވިދާޅުވި އެވެ. އަލިފާނުގެ ހާދިސާ ހިނގި ފަހުން ފަނަރަ ދުވަސްވާ ކައިރިވެފައިވާއިރު އަލިފާން ރޯވި ސަރަހައްދު އަދިވެސް ސާފުކޮށް ނުނިމޭ ކަމަށް ވިދާޅުވެ އެކަމަށް ވެސް ހުސައިން ވަނީ ފާޑު ވިދާޅުވެފަ އެވެ.
އަލިފާނުގެ ހާދިސާއަށް ފަހު މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަކި މުއްދަތެއް ދެއްވާފައިވާތީ އެކަން ފާހަގަކުރައްވަމުން ހުސައިން ވިދާޅުވީ ރައީސް އެންގެވި ގޮތަށް އެކަން ނުވާނަމަ ވުޒާރަތަކުގެ ބޭފުޅުން ތިއްބަވަންވީ ގޭގައި ކަމަށެވެ.
"ހެޔޮވަރުގެ ބޯހިޔާވަހިކަމެއް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ވިދާޅުވުމުން އެކަން ހިނގަން ޖެހޭ. އެކަން ނުކުރެވޭ ނަމަ މިނިސްޓަރު ވެސް ދާންވީ ގެއަށް،" އަނދުން ހުސައިން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ޖައްސަން ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވެރިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ހުސައިން ވަނީ ތުހުމަތުކުރައްވާފަ އެވެ. އެކަން ކުރަން އުޅުމަކީ "ފޫނެތް ފަޔަށް ފެން ފުރުން" ކަމަށާއި އެމަސައްކަތް ވަގުތުން ހުއްޓާލުމަށް ވެސް ހުސައިން ވަނީ ގޮވާލައްވާފަ އެވެ.
"މިއިއްޒަތްތެރި މަޖިލީހުގެ ރައީސާއި މިޕާޓީގެ ރައީސް އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޖައްސުވަން އެންމެ ޕޯޑިއަމެއް ހުރި ޕާޓީއެއްގެ ވެރިޔަކު ކުރާ މަސައްކަތް ހަމަ މިހާރު މިހާރަށް ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން. އެމްޑީޕީގެ 189 އަކަށް ވުރެ ގިނަ ޕޯޑިއަމް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނާނެ. އެހެންވީމާ އެމްޑީޕީއަށް ގޮވޭނެ އެއްޗެތި މާގިނަވާނެ. އެމްޑީޕީގެ ރައީސަށް ގޮވޭނެ އެއްޗެތި މާގިނަ ވާނެ،" ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރަކަށް އިންޒާރު ދެއްވަމުން ހުސައިން ވިދާޅުވި އެވެ.
ހުސައިން އިތުރަށް ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި އެމްޑީޕީ ފިޔަވާ އެހެން ޕާޓީ ތަކަށް ދީފައިވާ އޮތީ އެކަށީގެން ނުވާ ބޮޑު އަދަދެއްގެ ހިއްސާ ކަމަށާއި އޭނާ ހުންނެވީ އެކަމާ ހިތްހަމަޖެހިވަޑައިގެން ނޫން ކަމަށެވެ. އެހެންކަމުން ޕާޓީތަކަށް ދީފައި އޮތް ހިއްސާއާ މެދު ގޮތެއް ނިންމައިދިނުމަށް ރައީސަށް އަލުން މަޝްވަރާ އަރުވަންޖެހިދާނެ ކަމުގެ އިންޒާރު ވެސް ހުސައިން ވަނީ ދެއްވާފަ އެވެ.
ހުސައިންގެ ވާހަކަ ނިންމަވާލެއްވެވީ ވެސް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް އިންޒާރު ދީފަ އެވެ. އެގޮތުން ހުސައިން ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ވެރިން ފަހަތަށް ޖެހިވަޑައިގެން އިމުގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަނދުން ހުސައިންގެ އިންޒާރު: ކަންކަން ނުވާ މީހުން ގެއަށްދޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ