ޔާމީން ޖަލަށް ލައިގެން އުޅޭ އިރު، އިދިކޮޅުން އެއްވަނީ އޭސީ ކޮޓަރިއަކަށް: އުމަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށް ލައިގެން އުޅޭ އިރު، އިދިކޮޅު ކޯލިޝަނުން ފެންނަނީ އޭސީ ކޮޓަރިއަކަށް އެއްވާ މަންޒަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ޔާމީން ސަލާމަތް ކުރުމަށް އިދިކޮޅުން ކަމެއް ކުރާތަނެއް ނުފެންނަ ކަމަށާއި މި ހާލަތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން އިދިކޮޅުގެ ސިފަ ނުފެންނަ ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ޖަލަށް ލައިގެން އުޅޭއިރުގައި ކޮންމެރެއަކު އެއާ ކޮންޑިޝަނެއްގެ ތެރެއަށް ޖަމާވެ ތިބެގެން، ޓީވީއަކުން ދައްކާފައި، ވާހަކަ ދައްކަނީ. މިއަކީ އެއްގޮތަކަށްވެސް އޮޕޮޒިޝަންއަކުން އަމަލު ކުރާނެ ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މީގެ ކުރިން 2009 ވަނަ އަހަރު އޭރު އޮތް އިދިކޮޅު ޕާޓީ ޑީއާރުޕީން ކުރި މަސައްކަތުން ތިން އަހަރު ތެރޭގައި ސަރުކާރު ކޮށިއަރާ ހިސާބަށް ގެންދިޔަ ކަމަށާއި އެކަމުގެ ނަތީޖާއަކަށްވީ ސަރުކާރުގެ ވެރިއަކަށް ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވުން ކަމަށެވެ.
"އޭރު އޮތް ޑީއާރުޕީއާ އަޅުގަނޑުމެން ހަވާލުވިއިރު އެއީ ވަރަށް އާދައިގެ، މުޒާހަރާ ކުރަން ނުވެސް ދަންނަ ބައެއް. އަޅުގަނޑުމެން ހަވާލުވެގެން ތިން އަހަރުވީ އިރުގައި ސަރުކާރު ކޮށިއަރާ ހިސާބަށް ދުއްވާލި. އެންމެފަހުން ނަޝީދު އިސްތިއުފާ ދޭ ހިސާބަށް ދުއްވާލި،" އޭނާ ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ އޭރު އޮތްވަރުގެ "އެކްޓިވިޒަމް" އާއި ހިތްވަރު، އިދިކޮޅު ލީޑަރުންގެ ފަރާތުން އަދި ނުފެންނަ ކަމަށާއި މިހާރު މި ފެންނަނީ ވަރަށް އާދައިގެ ދެރަ މަންޒަރެއް ކަމަށެވެ. އަދި އޭސީ ކޮޓަރީގައި ތިބެ މި ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރު ޖަލުގައި އޮންނެވި ވާހަކަ ދެއްކުމަކީ މާ ރީތިކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ