ރައީސް ނަޝީދު ތައުބާވުމަށް އިޔާޒް ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުބާވެވަޑައިގަތުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފި އެވެ.
ލ. ގަމުގައި މިއަދު އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަފްލާއެއްގައި އިޔާޒަށް ނިސްބަތް ކުރައްވާ ނަޝީދު ވިދާޅުވީ "ހ. ކަޅުވެޔޮ، އަބްދުއްލަތީފްގެ ދަރިއެއް އައިސް އަނެއްކާ އަޅުގަނޑަށް އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" ކަމަށެވެ.
"އަޅުގަނޑަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހެއް. އަޅުގަނޑުގެ ބައްޕައަކީ އެގޭ އަބްދުއްސައްތާރު. ހ. ކަޅުވެޔޮ އަބްދުއްލަތީފްގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ނުވިސްނޭ،" އިޔާޒާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު މިހިރީ ދީނުގެ މަތީގައި. މިއީ 100 ޕަސެންޓް އިސްލާމީ ގައުމެއް. މިތަނުގައި އެހެން މީހަކަށް ދެން ދައުވަތު ދޭކަށް ނެތް،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވުމުގެ ގޮތުން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ "މާތްﷲ މަނިކުފާނުގެ މުޑުދާރު އަމަލުތައް އިތުރަށް ބޭޒާރު ނުކުރައްވަނީސް އަވަހަށް ތައުބާވުމަށް" ގޮވާލައްވާފަ އެވެ.
ނަޝީދަށް ރައްދު ދެއްވުމުގެ ގޮތުން އިޔާޒު ވަނީ ގިނަ ޓްވީޓުތަކެއް ކުރައްވާފަ އެވެ. އެގޮތުން ﷲ ގެ ދީން ބަޔާންކޮށްދިނުމަށް އެންމެ ފަހު ނޭވާއާ ހަމައަށް ދެމިހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ގުޅިގެން މަރުތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ދީނީ ހަރުކަށި ފަރާތްތަކާ ބެހޭ ގޮތުން ހުރި ވާހަކަތަކުގެ މައްޗަށް ނަޝީދުގެ ވާހަކަފުޅު މިއަދު ބިނާ ކުރެއްވި އިރު، އެމަނިކުފާނު ވިދާޅުވީ އިތުރަށް ދީނަށް ދައުވަތު ދޭ މީހުން ދައުވަތު އެ ދެނީ ހަނގުރާމައަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި އުޅޭއިރު، އެމީހުންގެ ތެރޭގައި އެންމެ ފުރަތަމަ ތިބެނީ "[އިސްލާމް ދީނަށް] ދައުވަތު ދޭ މީހުން" ކަމަށެވެ.
އެކަމަކު ރާއްޖެއަކީ ސަތޭކަ ޕަސަންޓު އިސްލާމީ ގައުމެއްގެ ގޮތުގައި އޮންނަތާ އެތައް އަހަރެއް ވެފައި ވާއިރު، އިތުރަށް ދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ