ގާނޫނާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުވާ ކުރާނަން: ޕީޖީ

ދިވެހި އަސްކަރިއްޔާ އިން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގައި އެދިވަޑައިގެންފައިވާ ކަމަށާއި ތަހުގީގު ނިމުމުން އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިޒް މިއަދު ވިދާޅުވެއްޖެ އެވެ.
"ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިޒް ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައްޔަރުކުރެއްވި މައްސަލަ ތަހުގީގު ކުރެއްވުމަށް އެދި އެޗްއާރްސީއެމްއާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާގައި އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށާއި ކޯޓްތަކުގެ އަމުރަށް ކިޔަމަންނުވެ އަސްކަރިއްޔާ އިން ކުރައްވަމުން ގެންދަވާ ކަންތަކުގެ ވާހަކަތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ޕީޖީ ވިދާޅުވި އެވެ.
"މީގެ އަސްލު އެންމެ ބޮޑު އެއް މައްސަލައަކީ ހައްޔަރު ކުރުމުގެ ބާރު ލިބިގެން ނުވާ ފަރާތަކުން (އެމްއެންޑީއެފްއިން) ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ ހައްޔަރު ކުރެއްވުން،" ޕީޖީ މުއިޒް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެޗްއާރްސީއެމުން އެ މައްސަލަ ތަހުގީގުކޮށް ނިނުމާ އެކު، ގަނޫނާ ހިލާފުވި ކަމަށް ބެލެވޭ ފަރާތްތަކާ މެދު ދައުވާ ކުރައްވަން މައްސަލަ ކޯޓަށް ވައްދާނެ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި އިރު، ކްރިމިނަލް ކޯޓުން މިއަދު ޕީޖީ އަށް ކުރިން ނެރުނު އަމުރުގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށް، ކޯޓުތަކުގެ ހުރުމަތް ކަނޑާފައިވާ މައްސަލައިގައި ޗީފް އޮފް ޑިފެންސްފޯހާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރަންވާނެ ކަމަށެވެ. އަދި އެ އަމުރަކީ ކޯޓު ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަމްބަރާއި، (8)ވަނަ ނަމްބަރާއި އަދި 10 ވަނަ ނަމްބަރުގެ ދަށުން، އެ އަމުރު ލިބޭތާ ތިން ދުވަހުގެ ތެރޭގައި ކަމާ ބެހޭ ކޯޓުގައި ދައުވާ ކުރަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ