ފާރިސް މައުމޫން މިއަދު މަޖިލީހަށް ވަޑައިނުގަންނަވާ

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް މިއަދު ވޯޓަށް އެހިއިރު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.
ފާރިސް ޖަލްސާއަށް ވަޑައިނުގެންނެވީ ކީއްވެކަމެއް ސާފެއްނުވެއެވެ. ފާރިސް ޖަލްސާއަށް ވަޑައިނުގެންނެވިއިރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ އިސްލާހް ފާސް ކުރުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ފާރިސްގެ ބައްޕާފުޅު އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ތާއިދު ނުކުރައްވާ ކަން ދޭހަވާ ވައިބާ މެސެޖްތަކެއް މީގެ ކުރިން ވަނީ އާންމުވެފައެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އަށް ރައީސް މައުމޫން ފޮނުވި މެސެޖްގައި ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީ އަށް ގެންނަ އިސްލާހްގެ ސަބަބުން ރައީސް ޔާމީން ބަދުނާމުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫންގެ ބަސް ވެސް މިހާރު ނުވިކޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިއަދު ފާސް ވެފައި ވަނީ 77 މެންބަރުންގެ ވޯޓުންނެވެ. އިސްލާހަށް ވޯޓު ނުދެއްވީ ދެމެންބަރުންނެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ