މަޝްވަރާތަކަށް ދޫދޭނަން، ބޭނުންވަނީ އެމްޑީޕީގެ މަޝްވަރާއާ އެކު ސަރުކާރު ހިންގަން - އުމަރު

ގައުމުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުން ހަަމައަކަށް އެޅުވުމަށްޓަކައި ސަރުކާރުން ދެވެން ދުލެއް ދޭނެ ކަމަށާއި، ސަރުކާރުން ބޭނުން ވަނީ އެމްޑީޕީއާ އެކު ކުރެވޭ މަޝްވަރާތަކަށް ބިނާ ކޮށް ސަރުކާރު ހިންގަން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިރޭ އެމްޑީޕީއާއެކު ސަރުކާރުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ މަޝްވަރާތައް ކާމިޔާބު ކުރުމަށް ސަރުކާރުން ދެވެން އޮތް ހުރިހާ ލުއެއް ދޭނެ ކަމަށެވެ. އަދި މިހާތަނަށްވެސް ދަތި ދަނޑިވަޅުތަކުގައި ދޫތައް ދީފައިވާނެ ކަަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދޫ ދެމުން ދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ދެ ބައިމީހުންނަށް ވެސް އެއްބަސްވެވޭ ކަންތަކެއް ސިޔާސީ މަސްރަހުގައި އެބަ ހުއްޓެވެ. އަދި އެކަންކަމަށް މަސައްކަތް ކުރުމަށްޓަކައި ގައުމީ އެއްބައިވަންތަކަމަކަށް އިސް ކުރުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމަށާއި އެމްޑީޕީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދެވުމުން ސަރުކާރުން ބޭނުންވާ ތަރައްގީ ހާސިލުކުރަން ފަސޭހަ ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކެނީ އެމްޑީޕީ އަކީ ރާއްޖޭގެ ބޮޑު އާބާދީއެއް ތަމްސީލު ކުރާ ޕާޓީއެއްގެ ގޮތުގައި. އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ އެމްޑީޕީއަކީ. އެހެންވެސް އަޅުގަނޑުމެން ބޭނުންވަނީ އެމީހުންނާ އެކު މަޝްވަރާތަކުގެ އަލީގަ އަޅުގަނޑުމެން މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ހާސިލް ކުރުމަށް މާ ބޮޑަށްވެސް ފަސޭހަވާނެ،" އުމަރު ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ކަނޑައަޅާފައިވަނީ ހަމަ އެކަނި މަޝްވަރާތައް ކުރިއަށް ގެންދާނެ ގޮތެވެ. ނަމަވެސް އެމްޑީޕީން ވަނީ މަޝްވަރާ ކުރިއަށް ގެންދާނެ ބައެއް ނުކުތާތަކެއް ފާހަގަކޮށް، އެކަންތައްތައް ހުށަހަޅާފައެވެ. އެގޮތުން ހުށަހަޅާފައި ވަނީ، ހުކުމް ތަންފީޒުކުރަމުންދާ ސިޔާސީ އިސް ހަތަރު ފަރާތަކަށް ލުޔެއް ހޯދައިދިނުމަށާއި ވިޔަފާރިވެރީންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށާއި، ޑރ. އަފްރާޝީމް އަލީއާއި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލަ މިނިވަން ބޮޑީއަކުން ތަހްގީގުކުރުމަށެވެ.
އަދި ސިޔާސީ ކުށްވެރިންގެ ގޮތުގައި ޖަލުތަކުގައި ތިިބި ބައެއް ބޭފުޅުންނަށް ލުއި ދިނުމަށްވެސް އެމްޑީޕީން ހުށަހަޅާފައި ވެއެވެ. އެގޮތުން ހަތަރު ބޭފުޅެއްގެ ނަން ވެސް އެމްޑީޕީން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ދިއްގަރުދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ޠަލްހަތު އިބްރާހީމް ކަލޭފާނު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ