ނަޝީދުގެ މައްޗަށް އިއްވި ހުކުމާއި މެދު އެއްވެސް އެއްޗެއް ބުނާކަށް ނެތިން - ގާސިމް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 13 އަހަރު ދުވަހުގެ ޖަލު ހުކުމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު، 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ނިޒާމުން ބޭރުން ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ނަޝީދުގެ މައްޗަށް ސާބިތުވެގެން ޖަލަށްލާފައިވަނީ މިދިޔަ މަހުގެ ތެރޭގައިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް ލިބިވަޑައިގެންނެވި ނަމަވެސް އެ ހުކުމް އިސްތިއުނާފު ކުރުމުގެ މުއްދަތު ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހަމަވެފައެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެފައިވަނީ ނަޝީދުގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކޮށްފައިނުވަނީ ކޯޓުތަކުން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށާއި އެކަމުގައި ސިޔާސީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޔާމީންގެ އަރިހުން ނަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދުގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން ގާސިމް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ވީޓީވީއަށް މިއަދު ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމުން އެވާހަކަ ދެއްކެވި ކަަމަށާއި ނަމަވެސް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމާއި ގުޅިގެން އެވާހަކަ ދައްކަމުން ނުދާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރު ކުރުމާއި ގުޅިގެން އޭރު ރައީސް ނަޝީދަށް ގޮވާލަމުން ދިޔައީ ގާނޫނު އަސާސީއަށް ބޯލެނބުމަށާއި، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ދޫކޮށްލުމަށް ކަމަށާއި އޭގެ ތެރެއިން ރައީސް ނަޝީދު އިހްތިޔާރު ކުރެއްވީ މަގާމުން އިސްތިއުފާދެއްވުމަށްކަން ގާސިމް ފާހަގަކުރެއްވިއެވެ.
"ޖުޑިޝަރީއިން ނިޔާއެއް ކަނޑައެޅީމަ އެއަށް ކޮމެންޓެއް ކުރާކަށް ނެތިން، ހުކުމް ކުރުމުން އިސްތިއުނާފް މަރުހަލާތައް ކުރިއަށް ދާނެ، އެއީ އަޅުގަނޑާއި ބެހޭ ކަމެއް ނޫން." ގާސިމް ވިދާޅުވިއެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާތީ، އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ގާނޫނުގެ (2) ވަނަ މާއްދާގެ (ށ)ގެ ދަށުން ނަޝީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ގާނޫނުގެ (6) ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން އަބްދުﷲ ގާޒީ ގަދަކަމުން ސިފައިންގެ ބެލުމުގެ ދަށުން ކ. ގިރިފުއްޓަށް ގެންގޮސްފައި ވަނީ ނަޝީދުގެ އެނގުމާއި ފެނުމުގެ ތެރެއިން ކަމަށާއި އަދި އެކަން ކުރީ ނަޝީދުގެ އަމުރަށްކަން ޝަރީޢަތަށް ހުށަހެޅުނު ސިޓީތަކުން އެނގެއެވެ.
ނަޝީދާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސިފައިން ލައްވައި އަބްދުﷲ ގާޒީ ހައްޔަަރުކުރުމުގެ މޭސްތިރިއަކީ ނަޝީދުކަން އެނގޭ ކަމަށާއި މިކަންކަމާ ދެކޮޅަށް ނަޝީދަށް ޖަދަލު ކުރުމުގެ ޖާގަ ނުލިބޭނެހާ ފާޅުކަން ބޮޑުގޮތެއްގައި ޝަރީއަތަށް މިކަން އެނގޭ ކަމަށް ހުކުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ