ވިލާ ގްރޫޕުން 100 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް އެންގި މައްސަލައިގައި ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރާއިއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ވީޓީވީއަށް މިއަދު މެންދުރުފަހު ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ގާސިމް ވިދާޅުވީ ވިލާ ގްރޫޕުން 100 މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް އެންގި މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ތަނަކަށް ގޮސް މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑު މިހުރީ މަޝްވަރާގެ މޭޒަށްދާން ތައްޔާރަށް، މިހާރު މައްސަލަތައް ހައްލު ކުރަން ނުވަތަ އޭގެ ކުރީ ކަންތައް ހައްލު ކުރަން ވިޔަސް، އެއީ ރައީސް ޔާމީން އަރިހަށް ދާން ވިޔަސް، އަދީބު އަރިހަށް ދާން ވިޔަސް (ތައްޔާރަށް މިހުރީ)." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ކަަމަށް ބުނާ 100 މިލިއަން ޑޮލަރުގެ ތެރެއިން "ބޮޑު ލާރިއެއް" ދައުލަތަށް ދައްކަން ނުޖެހޭނެ ކަން ޔަގީންވެފައިވާ ކަމަށެވެ.
އަދި އިންސާފެއް އޮތް ތަނަކުން 100 މިލިއަން ޑޮލަރުގެ މައްސަލަ ނިންމައިފިނަމަ އެއީ ވިލާ ގުރޫޕުން ދައްކަން ނުޖެހޭނެ އެއްޗެއް ކަމަށް ނިންމާނެ ކަމަށާއި ވިލާ އިން ދައްކަން ޖެހޭ ކަމަށް ސަރުކާރާ މީރާ އިން ބުނާ 100 މިލިއަން ޑޮލަރަކީ ހިޔާލީ އަދަދެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ނުހައްގުން އެމަނިކުފާނުގެ ވިޔަފާރިތަކަށް ގެއްލުން ލިބޭ ގޮތަށް މިކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވިލާ ގުރޫޕުގައި މަސައްކަތް ކުރާ ދިވެހި 5000 ވަރަކަށް މުވައްޒަފުންގެ އާއިލާތަކަށް އެކަމުގެ ގެއްލުން ލިބިގެންދާނެ ކަަމަށެވެ.
ވިލާ ގްރޫޕުން 100 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅީ، އެ ކުންފުނިން ތަރައްގީކުރަން ހަވާލުކޮށްފައިވާ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ސިޓީ ހޮޓާ ތަރައްގީ ކުރަން ލ. ކައްދޫން ދިން ބިމާއި ހދ. ހަނިމާދޫން ދިން ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައިއެވެ.
އަދި ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ 3 ރަށާއި 3 ފަޅު ގާސިމް އަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކޮށް އެތަންތަން ސަރުކާރަށް ނަގައިފިކަން ޓޫރިޒަމް މިނިސްޓްރީއިން އިޢުލާން ކޮށްފައި ވަނީ 2015 ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.
ސަރުކާރަށް ނަގަން ނިންމާފައި ވަނީ، ވިލާއަށް ދީފައިވާ ތިން ފަޅުރަށް ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާއާއި، ތިން ފަޅު ކަމުގައިވާ ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަޅާއި ކ. ވާވެއްދިއްފަޅެވެ.
ސަރުކާރާއި މަޝްވަރާ ކުރަން ބޭނުން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ