ރައީސް މައުމޫނު ހައްޔަރުކޮށްފައި ހުންނެވިތާ 23 ދުވަސް، އަދިވެސް ސުވާލެއް ނުކުރޭ: ވަކީލް މައުމޫން

ރައީސް ޔާމީނު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމާއެކު އެކީ ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤަކަށް ކަމަށް ބުނެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ބަންދުކުރިފަހުން މިއަދާއި ހަމައަށް 23 ދުވަސް ހަމަވެފައިވާއިރު އަދި މިހާތަނަށް އެމަނިކުފާނާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ. 
މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ޙަމީދު މިއަދު ވިދާޅުވީ ފުލުހުންގެ އަތުގައި ހެކިހުރިނަމަ ކުރަން އޮތް ކަމަކީ އެކަމާއި ގުޅޭގޮތުން ސުވާލުކޮށް ތަޙްޤީޤް ފުރިހަމަކުރުން ކަމަށާއި އަދި ތަޙްޤީޤްތައް އަވަހަށް ޕީޖީއަށް ފޮނުވައި ޝަރީއަތްކުރުން ކަމަށެވެ. އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. 
"ދެއިރު ދެދަޅައަށް މީޑިއާއަށް އަރައި ފުލުހުން ކުރާކަމަކީ މީޑިއާ މެދުވެރިކޮށް ޝަރީއަތް ހިންގުން. އެމީހުންނަކަށް ނުކުރޭ ލިބިފައި ހުރިކަމަށް އެބުނާ ހެކިތައް ހާމަކޮށް ސުވާލެއްވެސް ކުރާކަށް. އެކަން ނުކުރަނީ ހަމަ އެއްވެސް ހެއްކެއް ނެތީމަ." 
މައުމޫނު ހަމީދު ވިދާޅުވީ ރައީސް މައުމޫނު ހައްޔަރުގައި މިއަދާއި ހަމައަށް 23 ދުވަސް ހަމަވެފައިވާއިރު އަދި މިހާތަނަށްކުރި ހަމައެކަނި ކަމަކީ ބަންދުގައި ބަހައްޓާތަން އެއްތަނުން އަނެއް ތަނަށް ބަދަލުކުރުން ކަމަށެވެ.
މައުމޫން ހަމީދު މިއަދު ވިދާޅުވީ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އޭސީސީ އިން ރައީސް މައުމޫނާއި ސުވާލުކުރަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. 10 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާ މައްސަލައަކާއި ގުޅިގެން މިހާރު ސުވާލުކުރަން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. 
ވަކީލުންގެ ޓީމުން މިއަދު ބުނީ ނަދީމް ބަންދުކުރިތާ 23 ދުވަސްވެފައިވާއިރު ނަދީމް އާއި ވެސް އެއްވެސް ސުވާލެއް ނުކުރާ ކަމަށާއި ފާރިޝް މައުމޫން ބަންދުކުރިތާ 20 ދުވަސްވެފައިވާއިރު ބަންދުކުރި ކަމަށް ބުނާ ސަރުކާރު ވައްޓާލަން އުޅުމުގެ މައްސަލައިގައިވެސް އަދިވެސް އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. 
ވަކީލުންގެ ޓީމުން މިއަދުވެސް ބުނީ 3 ބޭފުޅުން ވެސް ހައްޔަރުކޮށް ރަހީނުކޮށްފައިވަނީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށާއި ސަރުކާރުން ކުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ