ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ދަނީ ކުރަމުން - ޕީޖީ

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލް އެ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ކަންކަން ތަންފީޒު ކުރަންވާނީ ޑިއު ޕުރޮސެސްގެ ތެރެއިން ކަމަށް އުއްތަމް ފަނޑިޔާރު ލަފާ އަރުއްވާފައިވާކަމަށާއި، އެ އަމުރުގައި ހިމެނޭ 5 ވަނަ ނަންބަރު ގައި ހިމެނޭ ފަރާތްތަކުގެ ބައެއް މައްސަލަތަަކަކީ ޝަރުއީ އެކި މަރްހަލާތަކުގައި ހުރި މައްސަލަތަކައް ވާއިރު، އަނެއް މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަަލަތައް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަ ކުރަންޖެހޭ އިޖުރާތްތައް މި އޮފީހާއި ކަމާ ގުޅުން ހުރި އިދާރާތަކުން މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ޤަނޫނީ ކަންކަމުގެ ތަފްސީލް އެ ކޯޓަށް ހުށަހެޅުމަށްޓަކައި ޕީޖީން ތައްޔާރުވަމުން ދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއެކު މަޝްވަރާ ކުރެވިފައިވާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވަނީ މީގެކުރިން ވިދާޅުވެފައެވެ. ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުރި ޤަނޫނީ ކަންބޮޑުވުންތައް ހިއްސާކޮށް ހުކުމް ތަންފީޒް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ