ކުޑަކެކުރި ބޮޑުކެކުރި އިންސާފު ހޯދަން މައުމޫން ފަނޑިޔާރުންނަށް ގުޅަން ފަށައިފި!

ދިގު 30 އަހަރު ދުވަހު މި ރާއްޖޭގެ ކޯޓުތަކުން ޝަރީޢަތް ކުރަމުން ގެންދިޔައީ ރައީސް އޮފީހުގައި މައުމޫނު ހުރެ އަންގާ ގޮތަކަށެވެ. އޭރު އޮތީ ކުޑަކެކުރި  އިންސާފެވެ.މައުމޫނު ހިތާނުވާ ކޮންމެ މީހަކަށް ޖަލު ހުކުމެކެވެ. ބައިސްކަލުގައި ބައްތި ނުޖަހާ ދުއްވި ނަމަވެސް ޖަލު ހުކުމެކެވެ.
މައުމޫނުގެ ވެރިކަން ދިވެހިރައްޔިތުން ނިކުމެ ބަދަލު ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ޝަރުޢީ ދާއިރާ މެދުވެރިކޮށް މައުމޫން ހާވަމުން ދިޔަ ހަޑިއެވެ. ވެރިކަމުން ބޭލިތާ 9 އަހަރު ފަހުން މައުމޫން އަނެއްކާ ވެސް މި ވަނީ ކުޑަކެކުރި ބޮޑުކެކުރި އިންސާފު ހޯދަން ފޫގަޅާފައެވެ.
މައުމޫނަށް ރާއްޖޭގެ ޝަރުޢީ ނިޒާމު ގޯސްވީ، ވެރިކަމަށް ގެންނަން މައުމޫން މަސައްކަތް ކުރާ، ފާރިސްގެ މައްޗަށް ޝަރީޢަތް ހިންގަން ފެށުމުންނެވެ. މިއަދު މައުމޫނު ވާހަކަ ދައްކާ އިރު، މީގެ އަހަރުތަކެއް ކުރިން ރައްޔިތުންނަށް މައުމޫނުގެ އޯޑަރަށް އަނިޔާކޮށްފައިވާކަން ހަނދާނުގައި ހުރި ހެނެއް ހިޔެއް ނުވެއެވެ.
ފާރިސް ސަލާމަތް ކުރުމަށް މައުމޫން ކުރާ މަސައްކަތުގެ ތެރެއިން، ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް ގުޅައިގެން އެބޭފުޅުންނަށް ނުފޫޒު ފޯރުވުމުގެ ކަންތައްގަނޑެއް މިހާރު ވަނީ ފަށާފައެވެ. ފަރުދާގެ ފުރަގަހުގައި މައުމޫން ކުޅޭ “މާސްޓާ ޕްލޭން” އަކީ މިއީ އެވެ.
މައުމޫނުގެ ދަރިކަލުން ފާރިސް މަސައްކަތް ކުރީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށެވެ. އޭނާގެ މައްސަލަ ބަލަން ފެށުމުން މައުމޫނު މިއަދު އެކަމަށް ހުރަސް އަޅަން، ކުރާ މަސައްކަތަކީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމެވެ. ކޯޓުތަކުން “ކުޑަކެކުރި ބޮޑުކެކުރި” އިންސާފު ލިބޭނެ ގޮތެއް އޮތްތޯ ބެލުމެވެ.
އެހެން ނަމަވެސް މައުމޫނު ވެސް ޤަބޫލުކުރަން ޖެހޭނެ ހަގީގަތަކީ، 2008 ވަނަ އަހަރު ފާސްކުރި ޤާނޫނު އަސާސީގެ ދަށުން ޝަރުޢީ ދާއިރާ  މިނިވަން ވެފައިވާ ކަމެވެ. މައުމޫނަކަށް ނަޝީދަކަށް އަދި ގާސިމަކަށް ވެސް “ކުޑަކެކުރި ބޮޑުކެކުރި” އިންސާފެއް މި ގާނޫނު އަސާސީގެ ދަށަކުން ނުއެއް ލިބޭނެއެވެ.
އެ ގޮތަށް މަސައްކަތް ކޮށްފިނަމަ އެ މީހަކާއި ޤާނޫނު އަރާ ހަމަކުރާނެއެވެ. ހަޖަމު ނުވިޔަސް، ޤަބޫލުކުރަން ދަތިވިޔަސް އަދި ޤަބޫލުކުރަން ބޭނުން ނުވިޔަސް، އެކަން އޮތީ އެހެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ