"ރޭޕް" މައްސަލާގައި ހިމެނޭ މީހާ ލަސްނުކޮށް ހައްޔަރުކުރޭ: މައުމޫން

ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހިފައި ހައްޔަރުކޮށް، ލަސްނުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރީގެ ރައީސް މައުމޫނު އަބުދުލްޣައްޔޫމް ފުލުހުންގެ އިދާރާއަށް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫނު މިކަމަށް ގޮވާލައްވާފައި މިވަނީ، މާލޭގެ އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް މިހާރު ފެންމަތިވުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މީގެ ތިންދުވަސްކުރިން މާލޭގައި 18 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ޚަބަރު އެއްސެވީ ފުންހިތާމަ އާއިއެކު ކަމަށެވެ. އަދި އެކަން ކުރިމީހާ ލަސްނުކޮށް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަބަދުދިނުމަށް ރައީސް މައުމޫނު ވަނީ ފުލުހުންނަށް ގޮވާލައްވާފަ އެވެ.
އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖާ މާލޭގެ ސްޓޫޑިއޯއެއްގައި ރޭޕްކޮށްލި ކަމަށް ބުނެވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ޖިންސީގޯނާކޮށް ހުތުރު އެއަމަލު ހިންގާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބޭފުޅެއްގެ ކޮއްކޮއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، މާލޭގައި ހިންގާ ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިވަގުތު އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ. މި މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމަކަށްވެސް އަދި ހައްޔަރުނުކުރާ ކަމަށްވެސް ފުލުހުން އަދި ހާމައެއްކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ