ދިވެހިންގެ އުންމީދުތައް ވަރަށް އަވަހަށް ހާސިލް ކުރެވޭނެ - މައުމޫން

ދިވެހިންގެ އުންމީދުތައް ވަރަށް އަވަހަށް ހާސިލް ކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ ފެށުމުން އެކަމުގެ މުނާސަބަތުގައި ދެއްވި ހާއްސަ، ނަމަވެސް ކުރު މެސެޖުގައި މައުމޫން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުވާފައެވެ. އަދި އެ މެސެޖުގައި ވިދާޅުވީ އާ އަހަރާއެކު އާ އުންމީދުތަކެއް ކުރައްވާ ކަމަށާއި އިރާދަ ކުރެއްވިއްޔާ ދިވެހިންގެ އުންމީދުތައް ވަރަށް އަވަހަށް ހާސިލް ވެގެންދާނެ ކަމަށެވެ.
މައުމޫން ދިވެހިންގެ އުންމީދުތަކުގެ ވާހަކަ ދެއްކެވި ނަމަވެސް މެސެޖުގައި އެއީ ކޮން އުންމީދުތަކެއްކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
ރައީސް މައުމޫންވެސް އާ އަހަރުގެ މެސެޖެއް ފޮނުވާފައިވާއިރު، މައުމޫނުގެ ކުރީގެ ސިޔާސީ އަދުއްވެއް ކަމަށްވާ އަދި މިހާރު އެކުގައި މަސައްކަތް ކުރާ އިއްތިހާދުގެ ލީޑަރެއް ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އާ އަހަރުގެ މެސެޖެއް ފޮނުވާފައެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވީ 2018 ވަނަ އަހަރަކީ ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކު މަސައްކަތް ކުރަންވީ އަހަރެއް ކަމަށެވެ. އަދި މި އަހަރުގެ އަމާޒަކީ ރިޔާސީ އިންތިހާބަށް އެއް ކެޑިޑޭޓަކު ނެރެ، އިންތިހާބުގައި ރައީސް ޔާމީން ބަލި ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ މުޅި އަމާޒަކީ ރިޔާސީ އިންތިހާބަކަށް އެއް ކެޑިޑޭޓަކު ނެރެ، ރައީސް ޔާމީން ބަލިކޮށް، ދިވެހި ރާއްޖެ ދިވެހިންނަށް އަނެއްކާވެސް ހޯދައިދިނުން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު މީގެ ކުރިން އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ