ފާރިސް ޖަލަށްލީ އިސްލާހީ މަސައްކަތް ހުއްޓުވާލުމަށް: މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޖަލަށްލީ އޭނާގެ އިސްލާހީ މަސައްކަތަށް ހުރަސްއެޅުމަށްކަމަށް ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕަ މައުމޫން އަބުދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޖަލަށް ވަޑައިގެން މިއަދު ފާރިސް މައުމޫނާއި ބައްދަލްުކުރެއްވުމަށްފަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނާއި، އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު ޖަލަށް ޒިޔާރަތްކޮށް ފާރިސް މައުމޫނާއި ބައްދަލްކޮށްފައިވާކަމަށެވެ. އަދި ފާރިސް މައުމޫން ޖަލުގައި ހުކުމެއްނެތި ހުންނަވާތާ 4 މަސްދުވަސްވެފައިވާކަމަށާ ފާރިސް ޖަލަށްލާފައިވަނީ އޭނާ ކުރަމުންދިޔަ އިސްލާހީ މަސައްކަތް ހުއްޓުވާލުމުގެ ގޮތުންކަމަށެވެ.
ފާރިސް މައުމޫން މިދިޔަ ޖުލައި މަހުގެ 18 ވަަނަ ދުވަހު ޖަލުގައި ބަންދުކުރި ފަހުން ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރެއްވި މިއީ ފަސް ވަނަ ފަހަރެވެ.
ފާރިސް ޖަލުގައި ބަންދުކުރި މައްސަލާގައި ރައީސް މައުމޫނާއި ޔުމްނާ މައުމޫން ގެންދަވަނީ ވަރަށް ބޮޑަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފާޑު ވިދާޅުވަމުންނެެވެ. އަދި ފާރިސްގެ މައްސަލާގައި ރައީސް މައުމޫން މީގެ ކުރިން ވަނީ ބޭރު ދުނިޔޭގެ ބަހާ އަމަލު ދިމާނުވާ ކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް ޖަލުގައި ބަންދުކޮށްފައިވާއިރު ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސްއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފަ އެވެ. މިދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ފާރިސް ވަނީ ޝަހުސު އޮޅުވާލުމުގެ ދައުވާ އަށާއި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ކުރެވޭ ތުހުމަތުތަކަށް ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް އިންކާރުކުރައްވާފަ އެވެ.
ގާނޫނާ ހިލާފަށް ފާރިސް ހައްޔަރުކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މައްސަލާގައި އަދިވެސް ހުކުމް އިއްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ