2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް ތައްޔާރުކުރި ބަޖެޓާއި ގުޅޭގޮތުން ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ، ދެހާސް އަށާރަ ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ތައްޔާރުކޮށް މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި އެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އިއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ. ނަމަވެސް ބަޖެޓްގެ މާބޮޑު ތަފްސީލެއް މިނިސްޓަރ ހާމަކުރައްވާފައެއްނުވޭ... ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީގެ ދަށުން މުހިންމު މަޝްރޫތަކެއް ހިނގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ މުނައްވަރު ވިދާޅުވިއެެވެ. މީގެއިތުރުން 2018 ވަނަ އަހަރުގެ ބަޖެޓްގެ ޚަރަދުތައް ކުޑަކުރުމަށް މުހިންމު ދިރާސާތަކެއް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަންނަ އަހަރުގެ ރަސްމީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާއިރު، ފާއިތުވި އޮކްޓޯބަރު މަހު ވަނީ ސަޕްލިމަންޓްރީ ބަޖެޓްވެސް ފާސްކޮށްފަ. ޖުމަލް 493 މިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްފައިވާއިރު، ރާއްޖޭގައި މި އަހަރުގެ ޖުމްލަ ބަޖެޓްވަނީ 27.3 ބިލިއަންއަށް އަރާފައެވެ. މާލިއްޔަތު ގާނޫނުގައި ބުނެފައިވާގޮތުން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ