2018 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭނީ ރައްޔިތުން އުފާވާވަރުގެ ކަންކަން ކޮށްދީފައި: މޫސާ މަނިކު

2018 ގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމިނަށް ކާމިޔާބުކޮށްދޭނީ ރައްޔިތުން އުފާވާވަރުގެ ކަންކަން ކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ. ރައީސް ޔާމީން 2018 ގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ޒުވާނުން އިސް ނަގައިގެން ބޭއްވި ޕެރަމޯޓާ އުދުހުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ޕީޕީއެމްގެ މެންބަރ މޫސާ މަނިކު ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށްފަހު، އަމާންކަން ކަށަވަރުކޮށްދެއްވާފައިވާތީ ކަމަށެވެ.  އަދި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެއްވުމުގެ އިތުރުން ރައްޔިތުން އުފާވާނެ އެތައް ކަމެއް ކުރައްވާފައި ވާތީ ކަމަށް މޫސަ ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ރާއްޖެއަށް ޕޯޗުގީޒުން ގެނައި އުސޫލުން، ބޭރު ގައުމެއްގެ ބަޔަކު ރާއްޖެ ގެނެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، އެފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި ފެއްސާއި ރަތާއި ހުދު ރަމްޒުކޮށްދޭ ދިވެހި ދައުލަތަށް ބޭރުގެ ނުފޫޒު ފޯރުވައިގެން ދިވެހިންނަށް ކަންކަން ކޮށްދޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި މިދިޔަ މަހު 31 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭރު ގައުމުތަކުގެ ސިފައިންނަށް ނުވަދެވޭނެ ކަމަށާއި، މަޖިލީހުގެ އިދާރާއަށް ވަންނާނީ ދިވެހި ސިފައިންނާ ދިވެހި ފުލުހުން ކަމަށެވެ.  މޫސާ މަނިކު ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ތެރޭގައި އޭނާއަށް ފަތިފުށް އެނގިނުލައްވާ އެއްވެސް މީހަކު ނެތް ކަމަށާއި، އެވާހަކަތައް ވެސް އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްއާ މޫސަ ގުޅިވަޑައިގަތީ ސިޔާސީ ގޮތުން ގޮނޑު ހޮވަން ބޭނުން ނުވާތީ ކަމަށް ވިދާޅުވެ މޫސަ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ