އިންތިޚާބަށް ނުނިކުތުމަށް އުމަރު ނިންމަވައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރަން ގަސްދުކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ބޮޑަށް ސިފަކުރެވެނީ ހަރުދަނާ ލީޑަރުން ވާދަކުރާ އިންތިޚާބަކަށް ވުރެ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ވާދަކުރައްވަން ފެނިވަޑައިނުގަންނަވާތީ އިންތިޚާބުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އުމަރު ވަނީ އޭނާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާތީ ތާއީދު ކުރާ 1،500 މީހުންގެ ސޮއިވެސް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާނީ އެންމެ ފަހު ވަގުތު ކަމަށް ކުރިން ވިދާޅުވި އުމަރު ވަނީ އެންމެ ފަހު ވަގުތު ވާދަނުކުރައްވަން ގަސްދު ކުރައްވާފައެވެ.
ވާދަ ނުކުރެއްވި ނަމަވެސް ރިޔާސީ އިންތިޚާބުގައި އުމަރު ތާއީދު ކުރައްވާނީ ކޮން ކެންޑިޑޭޓަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. 2013 ވަނަ އަހަރުގެ ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގެން އުމަރު ވަނީ އޭނާއާ ވާދަކުރެއްވި މިހާރުގެ ރައީސް، އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަދި އެމްޑީޕީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް މީގެ ކުރިން އެކި ފަހަރު މަތިން ފާޑުކިޔުންތައް އަމާޒުކޮށްފައިވާ އުމަރު ވަނީ ޖޭޕީއާއި ގުޅިވަޑައިގަތުމަށް ފަހު އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީން ވަކިވެ ވަޑައިގެންފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވުމަށް ހަތް ފަރާތަކުން ފޯމު ނެގި ނަމަވެސް ބައިވެރިވެފައިވަނީ ތިން ފަރާތުންނެވެ. އެއީ ސަރުކާރު ހިންގާ ޕާޓީން، މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު އިއްތިހާދުގެ ފަރާތުން އިބްރާހިމް މުހައްމަދު ސޯލިހްއާއި އަމިއްލަ ގޮތުން ހުސެއިން ނަސީރެވެ. ނަމަވެސް އީސީން ވަނީ ހުސެއިން ނަސީރުގެ ކެންޑިޑެސީ މިއަދު ބާތިލުކޮށް، އޭނާއަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހަދާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ހުސެއިން ނަސީރުގެ ކެންޑިޑެސީ ބާތިލު ކުރީ އޭނާއަށް ތާއީދު ހޯދުމުގެ ގޮތުން ހުށައަޅާފައިވާ 1،500 ފޯމުގައި މައްސަލަތަކެއް ހުރުމުންނާއި ރަނިންމޭޓަކަށް ހުށައެޅި ފަރާތުގެ ކުށުގެ ރެކޯޑެއް އޮތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ