ލުތުފީ ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: އުމަރު

މީގެ 26 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ އިސް މޭސްތިރި އަބްދުﷲ ލުތުފީ ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ލުތުފީ އިސްކޮށް ހުރެ ނޮވެމްބަރު ،3 1988 ގައި ރާއްޖެ އަށް ދިން ހަމަލާގައި 19 ދިވެއްސަކު ޝަހީދުވެފައި ވާއިރު އޭނާ ފިލައިގެން އުޅެނީ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، ބޭސްފަރުވާއަކަށް އެމްޑީޕީ ސަރުކާރުން ސްރީ ލަންކާ އަށް ފޮނުވާލި ފަހުންނެވެ. ހޯމް މިނިސްޓަރު ވިދާޅުވީ ލުތުފީ 66، ފިލައިގެން އުޅެނީ ލަންކާގައި ކަމަށް އެނގިވަޑައިގަންނަވާ ކަމަށާއި ތަފާތު ފަހަރު މަތިން ދިވެހި ސިއްރު ފުލުހުން އޭނާ ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. "ވާ ގޮތަކީ ރާއްޖެ އިން ބޭރުގެ ގައުމެއް ވީމާ ހަންޓް ކުރަން އުނދަގޫވަނީ. އަޅުގަނޑުމެންގެ ފުލުހުން އެކޮޅަށް ގޮސް މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ލުތުފީ އެންމެ ފަހުން ފެނުނީ ލަންކާ އިން،" އުމަރު ވިދާޅުވި އެވެ. ލުތުފީ ހޯދުމަށް ފުލުހުންނަށް އެހީތެރިވި މީހަކަށް 75،000ރ. ދޭނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ މަހު އިއުލާން ކޮށްފަ އެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ ރޭވުމުގެ ކުށް ސާބިތުވެ ރާއްޖޭގެ އެންމެ މަތީ ކޯޓުން މަރަން ހުކުމްކޮށް އަދި ފަހުން އުމުރަށް ޖަލަށް ލާފައި ވަނިކޮށް ލުތުފީ ނަން އޮޅުވާލައިގެން ލަންކާގައި އުޅެމުންދާ ކަމަށް އެންމެ ފުރަތަމަ ދިވެހި ސަރުކާރުން ހާމަކުރީ މޭ 2012ގަ އެވެ. މީގެ ތިން އަހަރު ކުރިން، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހުއްދަ ދީގެން ބޭސްފަރުވާ އަށް ލުތުފީ ދިޔައީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ހޯމް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އޭގެ ފަހުން ލުތުފީ ރާއްޖެއަކަށް ނާދެ އެވެ. ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު ވެސް ބޭސްފަރުވާ އަށް ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވި އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް އޭނާ ފޮނުވާފައި ވަނީ ސެކިއުރިޓީ ބަޔަކާ އެކުގަ އެވެ. އެކަމަކު ޖެނުއަރީ 2010 ގައި ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވަން ހުއްދަ ދިނީ އެފަދަ ސެކިއުރިޓީއަކާ ނުލައި ކަމަށް ޑީޕީއާރުއެސް އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ