އަބްދުﷲ ރިޔާޒް ބަޤާވާތްކުރިތޯ ނުވަތަ ނޫންތޯ ޝަރީއަތުން ޔަގީންކުރަންޖެހޭ: ނަޝީދުގެ ޤާނޫނީ ޓީމް

ރައީސް މުހައްމަދު ނަޝީދު، ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއާ ދިމާލަށް \"ބާޣީ\" އޭ ވިދާޅުވީ ބަޣާވާތް ކޮށްފައިވާތީ ކަމަށާއި \"ބަޣާވާތް\" ކޮށްފައިވާ މީހުންނަށް \"ބާޣީ\" އޭ ކިޔާކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއާއި ދިމާލަށް "އޭބަލަ ބާޣީ، ތީ ހަމަ ބޮޑު ބާޣީ އަބްދުﷲ ރިޔާޒު" އޭ ރައީސް ނަޝީދު ވިދާޅުވުމުން އަބްދުﷲ ރިޔާޒު ސިވިލް ކޯޓަށް ހުށަހަށާފައިވާ މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގައި މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވީ 07 ފެބްރުއަރީ 2012 ވަނަ ދުވަހު އަބްދުﷲ ރިޔާޒު އިސްކޮށްހުރެ ކޮށްފައިވާނީ ބަޣާވާތެއް ކަމާއި އެހެންކަމުން އަބްދުﷲ ރިޔާޒު އާއި ދިމާލަށް "ބާޣީ" އޭ ގޮވުމުން އޭނާގެ އަބުރު ގެއްލިފައިވާނަމަ ފުރަތަމަ ބަލަންޖެހެނީ "ބާޣީ" އޭ ގޮވަން ޖެހުނު ސަބަބު ކަމަށެވެ.
އަދި މިމައްސަލާގައި މަދަނީ މައްސަލައެއްގެ ގޮތުގައި އަބްދުﷲ ރިޔާޒު ބަޣާވާތް ކޮށްފައިވޭތޯ ބައްލަވަން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފަރާތުން އެކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވާނެކަމަށެވެ. ރައީސް ނަޝީދުގެ މައްޗަށް އަބްދުﷲ ރިޔާޒު ކޮށްފައިވާ ދައުވާއަށް ރައީސް ނަޝީދުއަށް ދިފާއުގައި "އަބުރާބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ ގަވާއިދު"ގެ 20 ވަނަ މާއްދާގައި ބުނާ ފަދައިން ރައީސް ނަޝީދު ބުނެފައިވާ ބަހުގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ކޯޓުން ލިބެންޖެހޭ ކަމަށާއި އަދި އަބްދުﷲ ރިޔާޒު "ބަޣާވާތް" ކުރިކަން ނުވަތަ ނޫންކަން ޝަރީއަތައް ޔަގީން ކުރަންޖެހޭކަމަށެވެ.
އެގޮތުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު ވަނީ އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލަށް ފަސް ސުވާލެއް ކުރިމަތި ކުރުވާފައެވެ. އެއީ 2012 ފެބްރުއަރީ 07 ވަނަ ދުވަހު އަބްދުﷲ ރިޔާޒު ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައި ހުރިންތޯ އާއި އެސަރަހައްދުގައި އަބްދުﷲ ރިޔާޒު ހުރިނަމަ ހުރީ އަމިއްލަ ފަރުދީ ހައިސިއްޔަތުންތޯ ނުވަތަ ރަސްމީ ހައިސިއްޔަތުންތޯ އާއި ހަމަ އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ރައީސް އޮފީސް ތެރެއަށް އަބްދުﷲ ރިޔާޒު ވަދެވަޑައިގެންނެވިންތޯ އާއި ރައީސް އޮފީހަށް ވެންނެވީ އެއްވެސް ފަރާތެއްގެ ހުއްދައެއް ލިބިވަޑައިގެންތޯ އާއި ރައީސް އޮފީހުގެ ތެރެއިން އެއްވެސް އެއްޗެއް ގެންދެވިންތޯ އާއި އެއްޗެއް ގެންދެވިނަމަ އެގެންދެވި އެއްޗެއް ގެންދެވީ ކޮންތަނަކަށްތޯ އެއްސެވިއެވެ.
ގާނޫނީ ވަކީލު ހަސަން ލަތީފުގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވީ އެސުވާލުތަކުގެ ޖަވާބު ދޭން ނުޖެހޭނެ ކަމަށާއި އެކަންކަން ޝަރީއަތަށް ސާބިތު ކުރުމަކީ އެސުވާލުތައް ކުރި ފަރާތުގެ ޒިންމާއެއް ކަމަށެވެ.
ރައްދުގައި ހަސަން ލަތީފު ވިދާޅުވީ އެސުވާލުތައް އެގޮތަށް އެފަރާތާ ކުރެއްވީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވި ދުވަހު އަބްދުﷲ ރިޔާޒުއާ ވަރަށް ވައްތަރު ބޭފުޅެއް އެކަންކަމުގައި އުޅުއްވިތަން ފެނިވަޑައިގެން ކަމަށެވެ. އަދި އަބްދުﷲ ރިޔާޒުގެ ފަރާތުން ޖަވާބު ނުދެއްވިކަމުގައިވިއަސް ރައީސް ނަޝީދުގެ ފަރާތުން ދެން މިޝަރީއަތުގެ އަޑުއެހުމެއް ބާއްވާ ދުވަހު އަބްދުﷲ ރިޔާޒުގެ ފަރާތުން މިއަދު ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ބަޔާނަށާއި އަބްދުﷲ ރިޔާޒު "ބަޣާވާތް" ކުރިކަން ސާބިތު ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނެ ކަމަށެވެ.
އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވީ އަބްދުﷲ ރިޔާޒު ދުވަހަކުވެސް ބަޣާވާތެއް ކޮށްފައިނުވާ ކަމަށެވެ. އަދި އަބްދުﷲ ރިޔާޒު ބަޣާވާތެއް ކޮށްފައިވާނަމަ އެކަން ސާބިތު ކޮށްދޭންޖެހޭނީ ރައީސް ނަޝީދުގެ ފަރާތުން ކަމަށްވެސް އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތަށް ބަޔާން ހުށަހަޅަމުން އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވީ 2012 އޯގަސްޓް 31 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ޖަލްސާއެއްގައި (ޓީވީން ވަގުތުން ދައްކާފައިވާ) ރައީސް ނަޝީދު އަބްދުﷲ ރިޔާޒު އާދިމާއަށް "ބާޣީ" އޭ ވިދާޅުވެފައިވާތީ އަބްދުﷲ ރިޔާޒުގެ އަބުރު ގެއްލިފައިވާ ކަމަށާއި އެހެންކަމުން އަބުރާބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ ގަވާއިދުގައިވާ ގޮތުން މައުނަވީ ގެއްލުމުގެ ބަދަލުމާއިއެކު އެކަމުން އެމީހަކަށް ލިބޭ މާއްދީ ގެއްލުންތަކަށް މިނިވަން ޑިމޮކްރަސީ ގައުމުތަކުގައި ބައްލަވާކަމަށެެވެ. އެހެންކަމުން އަބުރާ ބެހުމުން ލިބިފައިވާ މާއްދީ ގެއްލުންތަކަށް މިމައްސަލާގައި ބައްލަވާ ދެއްވުމަށް ފަނޑިޔާރުގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ.
އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވީ "އަބުރާބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ ގަވާއިދު" ގެ ބޭރުން ގެއްލުމުގެ އެއްވެސް ބަދަލެއް ނުނެގޭނެ ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ވީނަމަވެސް ދަށުކޯޓުގެ މިމަރުހަލާގައި ލިބިފައިވާ މާއްދީ ގެއްލުންތަކުގެ ވާހަކަތައްވެސް ދެކެވެންޖެހޭނެ ކަމަށާއި އެއީ މިމައްސަލަ ނިމޭގޮތަކުން އިސްތިއުނާފު މަރުހަލާއަށްވެސް ދާންޖެހިދާނެތީ ކަމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލާ ހިސާނު ހުސައިން ވިދާޅުވީ އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލު އެވިދާޅުވަނީ ގާނޫނުއަސާސީއާ މުޅިން ހިލާފު ވާހަކަތަކެއް ކަމަށާއި ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މަތީ މަރުހަލާގެ ކޯޓަކުން ކޮށްފައިވާ ހުކުމްތަކަށް ދަށުކޯޓުތަކުން އަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި "މީހަކު ތިއީ ވަގެކޭ މީހަކާ ދިމާއަށް ބުނުމުން، އޭނާ ވައްކަން ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ޝަރީއަތުން ފުރަތަމަ ބަލަންޖެހޭ،" ކަމަށް ހިސާން ހުސައިން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މައްޗަށް އަބްދުﷲ ރިޔާޒުގެ ފަރާތުން އޭނާގެ އަބުރު ގެއްލިފައިވާތީ 1.8 މިލިއަން ރުފިޔާ ރައީސް ނަޝީދުގެ ފަރާތުން ހޯދުމަށް އެދައުވާގައިވެއެވެ. އަދި އެފައިސާއަކީ ރިޔާޒު އަށާއި އޭނާގެ އާއިލާއަށް ނުރައްކާތެރި ކަމަށް ފެންނާތީ އޭނާގެ ގޭގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ކޮށްފައިވާ ހަރަދު ކަމަށްވެސް ދައުވާގައިވެއެވެ. ނަމަވެސް އަބުރާބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގާދިނުމުގެ ގަވާއިދުގައި އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެންމެ ގިނަވެގެންވެސް ނެގެނީ 5000 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ