ޖަޕާންގެ ފުކުޝީމާ ނިއުކްލިއަރ ޕްލާންޓުން ކަރަންޓް ކެނޑި، ޕްލާންޓްގެ މަސައްކަތްތަކަށް ބުރޫ އަރައިފި ކަމަށް ބުނެފިއެވެ.
ޖަޕާންގެ ފުކުޝިމާ ނިއުކްލިއަރ ޕްލާންޓުން ކަރަންޓު ކެނޑިފައި ވަނީ އިއްޔެ ޖީއެމްޓީ ގަޑިން 09:57 ގައި ކަމަށް މީޑިއާ ރިޕޯތްތައް ބުނެއެވެ. ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށާއި އަދި މިކަން ތަހްގީގު ކުރަމުންދާކަމަށް ޓޯކިޔޯ އިލެކްޓްރިކް ޕަވަރ ކޮމްޕެނީ (ޓެޕްކޯ) އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރަންޓް ކެނޑުމާއި ގުޅިގެން އެ ޕްލާންޓްގެ ތިން ރިއެކްޓަރެއްގެ ޕޮންޑް ތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި ޕޮންޑްތަކުގެ ކޫލިންގް ސިސްޓަމްތައް ކަރަންޓް ނެތުމުގެ ސަބަބުން މަސަތްކަތް ނުކުރާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ ގޮތުން ރިއެކްޓަރ އެކެއް، ރިއެކްޓަރ ތިނެއް އަދި ރިއެކްޓަރ ހަތަރެއްގެ ކޫލިންގް ސިސްޓަމްތައް ވަނީ ހުއްޓިފައެވެ.
ޓެޕްކޯ އިން ބުނީ ކަރަންޓު ކެނޑުމުގެ ސަބަބުން އެއްވެސް ނުރައްކަލެއް އަދި ކުރިމަތިވެފައި ނުވާކަމަށެވެ. އެގޮތުން އެންމެ ހޫނު ޕޫލް ވެސް ނުރައްކާ ވާ ވަރަށް ހޫނުވާން ހަތަރު ދުވަސް ނަގާނެކަމަށެވެ. އަދި އެންމެ ހޫނު ވެފައިވާ ރިއެކްޓަރ ހަތަރެއްގެ ފިނިހޫނުމިން މިއަދު ހެނދުނު ހުރީ 30.5 ޑިގްރީސެލްޝިއަސްގައެވެ.
އެންމެ މަތިވެގެން ފިނިހޫނުމިން ހުންނަންޖެހޭ ވަރަކީ 65 ޑިގްރީސްގައި ކަމަށް ޓެޕްކޯ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެއަށް ވުރެ ހޫނުމިން މަތި ނުވެ ހުރެއްޖެނަމަ އެއްވެސް ބިރެއް ނުވަތަ ނުރައްކަލެއްވެސް ނެތް ކަމަށްވެސް ޓެޕްކޯއިން ބުނެއެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޓެޕްކޯގެ ތަރުޖަމާން ކެނިޗީ ތަނާބޭ ވިދާޅުވީ ކަރަންޓު ކެނޑުމާއިއެކު އަލުން އެ ރިއެކްޓަރު ތަކަށް ކަރަންޓު ފޯރުކޮއްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެއްވެސް ނުރައްކަލަކާ ކުރިމަތި ނުވަނީސް ކަރަންޓު ފޯރުވައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް ތަނާބޭ ވިދާޅުވިއެވެ.
ފުކުޝީމާ ނިއުކުލިއަރ ޕްލާންޓަކީ 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބި، ރޭޑިއޭޝަން ބޭރުވުމުގެ މައްސަލަތަކެއް ކުރިމަތިވި ނިއުކުލިއަރ ޕްލާންޓެކެވެ. ސުނާމީގެ ސަބަބުންވެސް ނިއުކުލިޔާ ޕްލާންޓްގެ ކޫލިން ސިސްޓަމްގެ މަސައްކަތް ހުއްޓުނެވެ.
ޖަޕާންގެ ނިއުކްލިއަރ ޕްލާންޓަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ