ސަންޖޭދަތަށް ޖަލު ހުކުމް އައުމުން ބޮލީވުޑް ފުން ހިތާމައެއްގައި!

ބޮލީވުޑްގެ ސުޕަ ސްޓާރ ސަންޖޭދަތު ފަސް އަހަރަށް ޖަލަށްލާން އިންޑިއާގެ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމަށް މަޢާފް ލިބުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ސިޔާސީ ފަރާތްތަކުން ބުނެފި އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާގައި ސަންޖޭދަތުގެ އަތެއްވާ ކަމަށް ބަލައި ކުރި ހުކުމް ބަދަލު ކުރެވޭތޯ ސަންޖޭދަތުގެ ލީގަލް ޓީމުން ދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ. އެހެން ނަމަވެސް ސަންޖޭދަތަށް މަޢާފް ލިބުމަކީ އެހާ ފަސޭހައިން ވާނެ ކަމެއް ކަމަށް ސިޔާސީ ފަރާތްތަކުން ނުދެކެ އެވެ.
ޤަވާއިދާ ޚިލާފަށް ހަތިޔާރު ގެންގުޅުމުގެ މައްސަލައިގާ ސަންޖޭދަތުގެ ފަސް އަހަރަށް ޖަލަށްލާން ހުކުމް އިއްވާފައިވާއިރު، ހިންދީ ފިލްމު އިންޑަސްޓްރީން ވަނީ މިކަމާ ގުޅިގެން ހިޔާލު ތަފަތުވެފަ އެވެ. އެގޮތުން ފިލްމު ތައްޔާރުކުރާ ފަރާތްތަކާއި ތަރިން ވަނީ ޓްވިޓާގަ އާއި އެން ވަސީލަތްތައް މެދުވެރިކޮށް ސަންޖޭދަތާއި ބެހޭގޮތުން އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފަ އެވެ.
"ފަސް އަހަރަށް ޖަލަށް ދިއުމަށް ސަންޖޭދަތަށް އެންގި އެންގުމަކީ ވަރަށް ވެސް ހިތްދަތި ކަމެއް. އޭނާއަށް މަޢާފް ލިބުމަށް އަހަރެން އެދެން،" ފިލްމު ޑައިރެކްޓަރެއް ކަމަށްވާ މަހޭޝް ބަޓް ބުންޏެވެ.
ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފައިވަނީ، "ސަންޖޫ އަށް އިއްވި ހުކުމާއި ގުޅިގެން އަހަރެން ކުދިކުދިވި ކަހަލަ. ސަންޖޭއަކީ މިހާތަނަށް އަހަންނަށް ދިމާވި އެންމެ ރަނގަޅު މީހާ ކަމަށް ބުނާކަށް އަހަރެން ޖެހިލުމެއް ނުވޭ. އަހަރެންގެ ހިތްވަނީ އޭނާއާއެކު" ކަމަށެވެ.
ސަންޖޭއާއެކު "ޝޫޓް އައުޓް އެޓް ލޮކަންވާލާ" ގައި ހަރަކާތްތެރިވެފައިވާ ތުޝާރު ކަޕޫރުވަނީ ސަންޖޭއަށް އިއްވި ހުކުމާއި ގުޅިގެން ވަރަށް އަސަރުކުރި ކަމަށް ބުނެފައެވެ.
"ހަޤީގަތުގައި ޤާނޫނާ ބެހޭ އެއްވެސް ކަމެއް އަހަންނަކަށް ނޭންގެ. އެހެން ނަމަވެސް އަހަރެން އެދެނީ ކޮންމެ މީހަކަށްވެސް މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް. އޭނާގެ އާއިލާ ވަނީ މިފަދަ އެތައް ހާދިސާތަކަކާ ކުރިމަތިލާފައި. އެހެން ނަމަވެސް ސަންޖޭ ވަނީ މިހުރިހާ ކަމަކާ ވެސް ކެތްތެރިކަމާއެކު ކުރިމަތިލާފައި،" ތުޝާރު ބުންޏެވެ.
މީގެ އިތުރުން އެކްޓަރު އަރްޝަދު ވަރުޝީ އާއި ސެލީނާ ޖެޓްލީގެ އިތުރުން އެތައް ޑައިރެކްޓަރުންނެއް މި ޓްވިޓާގައި އެމީހުންގެ ޝުޢޫރު ފާޅުކޮށްފައިވެ އެވެ.
ޢުމުރުން 53 އަހަރުގެ ސަންޖޭދަތަކީ ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ސުނިލް ދަތާއި ނަރުގިސް ދަތުގެ ފިރިހެން ދަރިފުޅެވެ. އޭނާ ފިލްމީ ދުނިޔެއަށް ތަޢާރަފްވެފައިވަނީ 1981 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ