ޕީޕީއެމް ތެރޭގައި އެއްވިސްނުމެއްގައި މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި އަދި އެއް އަމާޒަކަށް ވާސިލުވާން މަސައްކަތްކުރުމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވީ ޕީޕީއެެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ޖަލްސާގައެވެ. އިތުރަށް ރައީސް މައުމޫން ވިދާޅުވީ ނިމިގެންދިޔަ އަހަރު ޕީޕީއެމުން ހޯދާފައިވާ ކާމިޔާބު އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުންވެސް ހޯދަންޖެހޭ ކަމަށެވެ. އަދި އެކަންކުރެވޭނީ އެންމެން އެކަތި ގަނޑަކަށްވެ މަސައްކަތް ކޮށްގެންކަމަށްވެސް ވިދާޅުވިއެވެ.
"ޕީޕީއެމްގެ ކޮންގްރެސް އާއި ޕްރައިމަރީ ކުރިއަށް އެބައޮތް، މަގާމުތަކަށް ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އޮންނާނެ، އެހެންނަމަވެސް ބައިބައިވުމަށްތަން ދީގެންނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ މިދިއަ އަހަރަކީ ޕީޕީއެމްއަށް ވަރަށް ކާމިޔާބު އަހަރެއް ނަމަވެސް ވަރަށް ހިތާމަވެރި އަހަރެއްކަމަށެވެ. ހިތާމަވެރި އަހަރެއްކަމަށް މައުމޫން އެނިސްބަތްކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކޮށް އަވަހާރަކޮށްލި ހާދިސާއާއި ގުޅިގެންނެވެ. އަދި އަނިޔާ ވެރިކަމަށް ހައްލެއްލިބޭނީ އަނިޔާވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދެވިގެންކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"ކޮންގްރެސްއިން ހޮވާ ދީނީ ކޮމެޓީގެ ރައީސްގެ ގޮނޑި، ކައުންސިލްގައި ޑރ.އަފްރާޝީމްގެ ހަނދާނުގައި އެއްއަހަރު ދުވަހުގެ މުއްދަތަށް ހުހަށް ބެހެއްޓުމަށް ވަނީ ނިންމާފަ،" މައުމޫން ވިދާޅުވިއެވެ. އަދި ރޭގެ ޖަލްސާގައި ޑރ.އަފްރާޝީމްގެ ހަނދާނުގައި ސުކޫތެއްވެސް ގެނަސްފައިވެއެވެ.
ޕީޕީއެމުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި އާންމުކޮށް ޖަލްސާތަކުގައި ވާހަކަ ނުދައްކަވާ ރައީސް މައުމޫންގެ ދަރިކަލުން އަދި ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގައްސާން މައުމޫން ވަނީ ވާހަކަދައްކަވާފައެވެ. އޭނާގެ ވާހަކަފުޅުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމާއި ބެހޭގޮތުންނެވެ. ގައްސާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ޑރ.އަފްރާޝީމް ފުރުއްވި ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓް އިބްރާހިމް އަމީން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރޭގެ ޖަލްސާގައި ރައީސް މައުމޫންގެ އިތުރުން އެޕާޓީގެ ދެ ނައިބު ރައީސުންކަމަށްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އުމަރު ނަޝީރު، އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޔާމީން އަބްދުލް ގައްޔޫމް ވެސް ހާއްސަ ޖަލްސާގައި ބައިވެރިވެ ވާހަކަދައްކަވާފައިވެއެވެ.
އެއްވިސްނުމެއްގައި، އެއް އަމާޒަކަށް ވާސިލުވާން މަސައްކަތްކުރަން އެބަޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ