ށ. މާއުނގޫދޫ އިންޖީނުގޭގެ ޖަނަރޭޓަރުތައް ހަލާކުވެ، އެ ރަށުން ކަރަންޓް ހިދުމަތް ކެނޑިއްޖެ އެވެ.
މާއުނގޫދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހީން މިއަދު ވިދާޅުވީ އިންޖީނުގޭގައި ހުންނަ ދެ ޖަނަރޭޓަރުން އެއް ޖަނަރޭޓަރު ހަލާކުވެ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެނދުނު 7:00 ޖެހިއިރުން ފެށިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށު އިންޖީނުގޭގައި 80 ކިލޯގެ ދެ ޖަނަރޭޓަރު ހުންނަ ކަމަށާއި ހަލާކުވި ޖަނަރޭޓަރަށް އެކި މައްސަލަ ދިމާވަމުން އަންނަތާ ދެ މަސް ދުވަސް ވެދާނެ ކަމަށެވެ.
"ފެނަކަ ކޯޕަރޭޝަނަށް ރިޕޯޓްވެސް ކުރަމުން އަޅުގަނޑުމެން ދިޔައީ. އެންމެ ފަހުން އެ ހަލާކުވީ ޖަނަރޭޓަރުގެ ފެންޕަންޕް ފަޅައިގެން ގޮސްގެން،" ޝާހީން މިއަދު ވިދާޅުވި އެވެ.
އޭނާ ދާޅުވީ ރަނގަޅަށް ހުރި ޖަނަރޭޓަރުގައި ވެސް މައްސަލަތައް އުޅޭ ކަމަށާ، 80 ކިލޯވޮޓްގެ އެ ޖަނަރޭޓަރުން ވެސް އުފައްދައިދެނީ 50 ކިލޯވޮޓްގެ ކަރަންޓް ކަމަށެވެ. އަދި ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން އެހެން ހައްލެއް ހޯދައި ނުދެނީސް އެ ރަށުގައި ދިރިއުޅޭ ހާހަކަށްވުރެ ގިނަ މީހުންގެ އާބާދީއަށް ބޭނުންވާނެ ކަރަންޓް ދެވެން ނެތް ކަމަށެވެ.
މާއުނގޫދޫ ކަރަންޓުގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނަށް ގުޅި ނަމަވެސް އެއްވެސް މައުލޫމަތެއް މިއަދު ސާފުވާވަރެއް ނުވި އެވެ.
މާއުނގޫދޫއަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު ރ. އަލިފުއްޓަށް ވެސް ވަނީ ކަރަންޓުގެ މައްސަލަ ދިމާވެފަ އެވެ
މާއުނގޫދޫ ޖަނަރޭޓަރުތައް ހަލާކުވެ، ކަރަންޓް ހިދުމަތް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ