ރިޔާސީ ލޯންޗްގައި ބޮން ގޮއްވާލި މައްސަލާގައި އަދީބަށް ދައުވާ ކުރާނަން: އުމަރު
ރައީސް އަބްދުﷲ ޔާމީންގެ "ފިނިފެންމާ" ލޯންޗްކޮޅުގައި ބޮން ގޮއްވާލި މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކަމަށާއި އެހެންވެ އޭނާގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. އަދީބު ހައްޔަރުކުރީ ރިޔާސީ ލޯންޗްގައި ގޮއްވި މައްސަލައިގެ ތަހުގީގަށް ނަމަވެސް އެ ތުހުމަތުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދީފައިވާ ކަމަށް އަދީބުގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވާތީ، "ހަވީރު"ން ކުރި ސުވާލަކާ ގުޅިގެން އުމަރު ވިދާޅުވީ "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. އަދީބުގެ ވަކީލުން މިއަދު ބުނީ އަދީބުގެ މައްޗަށް މިހާރު ތުހުމަތުކުރަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ އަށް އެކަނި ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގައި ގޮއްވި މައްސަލައިގެ "ޕްރައިމް ސަސްޕެކްޓަކީ" އަދީބު ކަމަށެވެ. "އޭނާގެ މައްޗަށް ދައުވާ ކުރާނެ ފިނިފެންމާ ލޯންޗްގެ މައްސަލައިގައި. ދައުވާ ވެސް ކުރާނެ. އޭނާގެ މައްޗަށް ކުށް ވެސް ސާބިތު ކުރާނެ އިރާދަކުރެއްވިއްޔާ،" ރިޔާސީ ލޯންޗްކޮޅުގައި ބޮން ގޮއްވި މައްސަލަ ބެލުމަށް ރައީސް ޔާމީން އުފެއްދި ރިޔާސީ ކޮމިޝަންގެ ކޯޗެއާ އުމަރު ވިދާޅުވި އެވެ. ކުރީގެ ނައިބު ރައީސް އަދީބުގެ އެންމެ ފަހު ނިއުސް ކޮންފަރެންސް: އޭނާގެ މައްޗަށް މިހާރު ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފައި.---ހަވީރު ފައިލް ފޮޓޯ: ނިޝާން އަލީ ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތުހުމަތު ވެސް އަދީބުގެ މައްޗަށް ކުރެ އެވެ. އަދި ކޮރަޕްޝަންގެ ދައުވާ ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެގޮތުން އެ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 17ގައި އަމުރުކޮށްފަ އެވެ. އަދީބުގެ މައްޗަށް އުފުލާފައި ވަނީ އެމްއެމްޕީއާރުސީން ރަށްތަކެއް ދޫކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަަށް އުފުލާފައި ވަނީ ޚިޔާނާތުގެ ދައުވާ އެވެ. ޒިޔަތު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 17 ގައި އަމުރުކޮށްފަ އެވެ. އަދީބާއި ޒިޔަތު ރަސްމިއްޔާތެއްގައި ބައިވެރިވަނީ: ދެ ބޭފުޅުންގެ މައްޗަށް ވެސް ކޮރަޕްޝަންގެ ދައުވާ ވަނީ އުފުލާފައި.---ހަވީރު ފައިލް ފޮޓޯ ޒިޔަތުގެ މައްޗަށް އުފުލި ދައުވާ އަށް އޭނާ އިންކާރު ކޮށްފައިވާއިރު، ދައުވާ އަށް ޖަވާބުދާރީވާން ވަނީ އެ ދުވަހު، ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ. ޝަރީއަތުގެ ފުރަތަމަ ދުވަހު ވެސް ޒިޔަތު އޭނާގެ ވަކީލު ބޭނުން ކުރެއްވި އެވެ. އަދީބުގެ އެދިވަޑައިގަތް ގޮތަށް، ވަކީލަކު އައްޔަން ކުރުމަށް އޭނާ އަށް ވަނީ އެއް މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ