މެކްސިކޯގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަތުމަށް ލޮޕޭޒް ދެކޮޅު ހައްދަވަނީ!

މެކްސިކޯގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނާފައިވާ ހުރިހާ ވޯޓެއް އަލުން ގުނުމަށް ގޮވާލާ އިންތިހާބުގެ ނަތީޖާއިން ދެވަނަ ލިބިވަޑައިގެންފައިވާ ޕާޓީ އޮފް ދަރ ޑިމޮކްރެޓިކް ރިވޮލިއުޝަން (ޕީއާރުޑީ) ގެ ކެންޑިޑޭޓް އެންޑްރެސް މެނުއަލް ލޮޕޭޒް އޮބްރާޑަރ ފިއްތުއްތައް ކުރިމަތި ކުރުވަން ފަށައިފިއެވެ.
ލޮޕޭޒް ވިދާޅުވީ މިހާތަނަށް ގުނާފައިވާ ހުރިހާ ވޯޓެއް އަލުން ގުނަން މަޖުބޫރުވަނީ ޑިމޮކްރަސީއާއި ޤައުމަށް ހެޔޮއެދޭތީ ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ސާފުވެފައި ނެތްއިރު ހަމަހަމަ ނޫން ކަމަށްވެސް ލޮޕޭޒް ވަނީ ވިދާޅުވެފައެވެ.
މެކްސިކޯގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީ އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ (ޕީއާރުއައި) ގެ ކެންޑިޑޭޓް އެންރީކޭ ޕެނާ ނިއެޓޯ ކާމިޔާބު ހޯއްދަވާފައިވާތީ އެކަން ބަލައިގަތުމަށް ދެކޮޅު ހައްދަވަމުން ލޮޕޭޒް ވަނީ ނިއެޓޯ އިންތިހާބުގެ އުސޫލުތައް މުގުރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ނިއެޓޯގެ ޕާޓީން އިންތިހާބުގައި ޚަރަދު ކޮށްފައިވާ ކަމަށްވެސް ލޮޕޭޒް ވަނީ ތުހުމަތު ކޮށްފައެވެ.
އިންތިހާބުގައި ވޯޓްލީ މީހުންގެ 90 އިންސައްތަ ވޯޓް ގުނާ ނިމިފައިވާއިރު، ނިއެޓޯ ވަނީ ހަ އިންސައްތައިގެ ތަފާތަކުން ލޮޕޭޒަށް ވުރެ ކުރީގައެވެ. މެކްސިކޯގެ އިލްކެޝަންސް ކޮމިޝަނުން މިއަދުގެ ވަގުތެއްގައި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، ނިއެޓޯ ވަނީ އޭނާއަށް އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފައިވާ ކަމަށް އަމިއްލަފުޅަށް އިއުލާން ކުރައްވާފައެވެ.
ޕީއާރުޑީގެ ކެންޑިޑޭޓް އަދި މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގެ ކުރީގެ މޭޔަރު މެނުއަލް ލޮޕޭޒް ވަނީ 2006 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ރިޔާސީ އިންތިހާބުގައިވެސް މިހާރުގެ ރައީސް ފިލިޕް ކަލްޑަރަންއާއި ވާދަކޮށް އެންމެ ޕަސަންޓެއްގެ ތަފާތަކުން އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެވެ. އެހެންކަމުން ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ އެފަހަރުގެ އިންތިހާބުގެ ނަތީޖާއަށް ފަހު ލޮޕޭޒް ވަނީ އޭނާއަށް ތާއީދު ކުރާ އެތައްހާސް ބަޔަކާއެކު މެކްސިކޯ ސިޓީގެ މަގުތަކަށް ނުކުމެ ގާތްގަނޑަކަށް އެއް މަސް ދުވަހަށް މުޅި އެ ސިޓީގެ މަސައްކަތްތައް ހުއްޓުވާފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރީ ކުރާ ގުރޫޕު ތަކުގެ މެދުގައި ކުރިއަށްދާ ހަމަނުޖެހުން ތަކާއި އިޤްތިޞާދު ހީނަރުވުމާއި ގުޅިގެން މިހާރުވެސް މެކްސިކޯ ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ގޮސްފަވާއިރު، އިންތިހާބުގެ ނަތީޖާ ޤަބޫލުކުރުމަށް ދެކޮޅު ހައްދެވުމަށްފަހު ލޮޕޭޒްއަށް ތާއީދު ކުރާ ފަރާތްތަކުން ހިންގާ ހަރަކާތްތަކަކާއި ގުޅިގެން މެކްސިކޯގައި ބޮޑެތި ހަމަނުޖެހުން ތަކެއް ހިގުމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ