އިތުރު ފަރުވާ އަށް އަބްދުﷲ ހަމީދު ބެންގަލޫރަށް ގެންގޮސްފި

މައިނާ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހު، ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދު އިތުރު ފަރުވާއަށް އިންޑިއާގެ ބެންގަލޫރަށް މިއަދު ގެންގޮސްފި އެވެ. ހަމީދުގެ ދަރިކަލުން މައުމޫން ހަމީދު ވިދާޅުވީ ބައްޕަ ބެންގަލޫރަށް ގެންދެވިއިރު ކުރިއަށް ވުރެ ހާލު ރަނގަޅު ކަމަށެވެ. "ބައްޕަގެ ހާލުކޮޅު ކުރިއަށް ވުރެ ރަނގަޅު. ބައްޕަގެ ހާލުކޮޅު ބެއްލެވުމަށް ފޯނު ކުރެއްވި ބޭފުޅުންނަށާއި ހޮސްޕިޓަލަށް ވަޑައިގެން ހާލުކޮޅު ބެއްލެވި ހުރިހާ ބޭފުޅުންނަށް އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ބައްޕަގެ ހާލުކޮޅު ރަނގަޅުވުމަށް އެދި އެ ބޭފުޅުން ކުރެއްވި ދުއާގެ މަތިން އަޅުގަނޑުމެން އާއިލާއިން ހަނދާން ކުރަން،" ގާނޫނީ ވަކީލު މައުމޫން ވިދާޅުވި އެވެ މީގެ ފަސް ވަރަކަށް ދުވަސްކުރިން ހަމީދަށް ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފަ އެވެ. ހަމީދުގެ ހާލު ބެއްލެވުމަށް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އޭޑީކޭއަށް ވަޑައިގެންފަ އެވެ. މައުމޫން ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަދި ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ހަމީދު ފަހަކަށް އައިސް އުޅުއްވަނީ އާލާސްކަންފުޅާ އެވެ. ހާއްސަކޮށް އަނބިކަނބަލުން އަވަހާރަވި ފަހުން ހާލު އެހާ ރަނގަޅު ނޫން ކަމަށް އާއިލާއިން ވާހަކަ ދެއްކެވި އޭނާގެ ދަރިކަލުން މައުމޫން ވިދާޅުވި އެވެ. އަބްދުﷲ ހަމީދުގެ އަނބިކަނބަލުން އަވަހާރަވީ ޖުލައި 1، 2013ގަ އެވެ. ހަމީދަށް ސްޓްރޯކެއް ޖެހުނުއިރު ރައީސް ޔާމީން، އާއިލާގެ ބޭފުޅުންނަށް މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މުލީއާގޭގައި ދެއްވި ތަރާވީހަކަށް ވެސް ވަޑައިގަތެވެ. އަބްދުﷲ ހަމީދަކީ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް 1964 ގައި ހެދިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ވެސް ހަމީދެވެ. މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ސްރީ ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. ހަމީދު އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ