ރާއްޖޭގެ ކަންކަން ބެލެހެއްޓޭ ވަރަށް ސިފައިންނާއި ފުލުހުން އެބަ ތިބި: ގާސިމް

ރާއްޖޭގެ ކަންކަން ރާއްޖެ އަށް ބެލެހެއްޓޭ ވަރަށް ސިފައިންނާއި ފުލުހުން އެބަތިބި ކަމަށް، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ފާޑުކިއުއްވަމުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ. ގާސިމް އެގޮތަށް ވިދާޅުވީ ދާދި ފަހުން ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ރާއްޖެ އަށް އިންޑިއާގެ އެހީތެރިކަން ހޯދަން ކޮމަންވެލްތުން އެދެން ޖެހޭނެ ކަމަށް ވިދާޅުވެފައި އޮތުމުންނެވެ. ޝަހީދުގެ އެވާހަކަތަކަށް ރައްދުދެއްވަމުން ގާސިމް ވިދާޅުވީ "ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް މިނިވަންކަން ބޭނުންވާނެ" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަދުލުވެރިކޮށް ކޯޓުތަކުން ނިންމުންތައް ނިންމުމާއި އެ ނިންމުންތައް ތަންފީޒުކުރުމުގެ ގާބިލުކަން ދިވެހިންގެ އެބަ ހުއްޓެވެ. ޝަހީދަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ އެއީ "ބޭވަފާތެރި، އަނިޔާވެރިއެއް" ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް އިންޑިއާ ސިފައިން ރާއްޖެ އަށް އައިސް ވެރިވުމަށް އޭނާ ގޮވާލައްވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ ބޭވަފާތެރި، އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވެ އެކަން ގާސިމް ކުށްވެރިކުރެއްވި އެވެ. ޑރ. ޝަހީދުގެ ޓްވީޓްގައި "އާރުޓޫޕީ"ގެ ދަށުން ކޮމަންވެލްތުން އިންޑިއާގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ވަނީ ގޮވާލައްވައިފަ އެވެ. "އާރުޓޫޕީ"ގައި އަސްކަރީ ގޮތުން ވެސް ހަރަކާތްތެރިވެވިދާނެތީ ޝަހީދު އެވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެގެން އުޅޭ މައްސަލާގައި އިންޑިއާ ސިފައިން ފޮނުވަން އެދުން ކަމަށް، ބައެއް މީހުން ދަނީ ތަރުޖަމާކުރަމުންނެވެ. ޝަހީދުގެ އެހެން ޓްވީޓެއްގައި "ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ" ދިވެހި ސިފައިންނަށް ވުރެ އިލްމާނީ އުސޫލުތައް ގަބޫލުކުރާ އިންޑިއާގެ ސިފައިން ވެސް އޭނާ އަށް މާ ރަނގަޅު ކަމަށް ވިދާޅުވެފައިވެ އެވެ. އެކަމަކު އޭނާ ފަހުން "ހަވީރަ"ށް ވިދާޅުވެފައިވަނީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްކުރުމަށްޓަކައި އިންޑިއާ ސިފައިން ރާއްޖެ އައުމަށް ބާރު އެޅުމަކީ އެ ޓީވްޓްގެ ބޭނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާ އެގޮތަށް ޓްވީޓްކުރެއްވީ ބައިނަލްއަގްވާމީ ފަރާތްތައް މެދުވެރިކޮށް ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ކަމަށް ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ