ޝަރުއީ ދާއިރާގެ މީހުން ތަމްރީނު ކުރަން އިންޑިއާ އެހީވަނީ

ރާއްޖޭގެ އަދުލު އިންސާފު ޤާޢިމުކުރުމުގެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ފަނޑިޔާރުންނާއި ޖުޑީޝަލް އޮފިޝަލުން ތަމްރީނުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
އިންޑިއާ ސަރުކާރުން މިކަން ހުށަހަޅުއްވާފައިވަނީ، އިންޑިއާގެ އުއްތަމަ ފަނޑިޔާރު އަލްމާސް ކަބީރުގެ ދައުވަތަކަށް މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ފާއިޒު މުޙައްމަދާއި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސަލްމާން ޚޫރުޝީދާއި އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
ފަނޑިޔާރުންނާއި ޖުޑީޝަލް އޮފިޝަލުން ތަމްރީނުކުރުމަށް އިންޑިއާއިން ހުށަހަޅާފައިވަނީ، ރާއްޖޭގައި ހެދޭ ޤާނޫނުތަކާއި ޤަވާއިދުތަކުން އަދުލު އިންސާފު ޤާޢިމުކުރުމުގައި ފަސޭހަތަކެއް ހޯދުމާއި، ރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންކަމަށް މައުލޫމާތުލިބެ އެވެ.
ފަސް ދުވަހުގެ ދަތުރުފުޅެއްގައި އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނުވަނީ، އިންޑިއާގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އަދި އިންޑިއާގެ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ވެސް އަހުމަދު ފާއިޒު ބައްދަލުކުރައްވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ޝަރަފުގައި އިންޑިއާގެ ޚާރިޖީ ވަޒީރު މިރޭ ރަސްމީ ފަރިކޮޅެއް ބޭއްވުމަށް ހަމަޖައްސާފައިވާއިރު، ރާއްޖެއާއިއެކު ގާތްގުޅުމެއް ބާއްވާ ރާއްޖެ އާރާސްތުކުރުމުގެ މަސައްކަތުގެ މަދަދު ޤާރަކަށްވުމުގެ ފުރުސަތު އިންޑިއާއަށް ލިބިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ޚޫރުޝީދު ވަނީ ވިދާޅުވެފައެވެ. އަދި ޒަމާނީ ޑިމޮކްރަސީއަކަށް ރާއްޖެ ފައްކާވަމުންދާ ދުވަސްވަރެއްގައި އަދިވެސް އިސްލާހު ގެންނަން ޖެހޭ ގިނަ ދާއިރާތަކެއް ހުރިއިރު، އޭގެތެރޭގައި މިނިވަން އަދުލުގެ ނިޒާމެއް ޤާޢިމުކުރުން ހިމެނޭކަމަށް ވެސް ޚޫރުޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން އުފެއްދުމަށް މަސައްކަތްކުރަމުންދާ ޖުޑީޝަލް ޓްރޭނިން އެކަޑަމީއަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށާއި، އިންޑިއާގެ އެހީތެރިކަން އަލަށް އުފެއްދުމަށް މަސައްކަތްކުރާ އެ އެކަޑެމީއަށް ފޯރުކޮށްދޭން ނިންމާފައިވަނީ އެ އިދާރާގެ ހިންގުން ހަރުދަނާކޮށް، އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑެމީއާއި އެކު ރަނގަޅު ގުޅުމެއް އުފެއްދުމުން ކަމަށްވެސް ޚަބަރު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ