އައްޑު އަށް ކަރަންޓް ދޭ ކުންފުނި "މިނިވަން" ވާން ޖެހޭ!
އައްޑޫގެ ކަރަންޓް ގެ މައްސަލައަކީ މިހާރު ބޮޑު މައްސަލައެކެވެ. މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑުއަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ކަރަންޓްގެ ހިދުމަތް 24 ގަޑި އިރު ލިބެމުން އައި އަތޮޅެކެވެ. ނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަކީ ކަރަންޓް ނެތި އުޅެންޖެހިދާނެ ކަމުގެ ބިރު އޮތުމެވެ. އެއީ ރައްޔިތުންނަށް ހަމަ ހަގީގަތުގައި ވެސް ބޮޑު ހާސްކަމެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އުފެއްދުމުގެ ކުރިން އައްޑު އަށް ކަރަންޓް ދެމުން އައީ ސްޓެލްކޯ އިންނެވެ. އެއަށް ފަހު 2009 ވަނަ އަހަރުން ފެށިގެން އައްޑު އާއި ފުވައްމުލަކަށް ކަރަންޓު ެދެމުން އައި އެސްޔޫއެލްގެ މަރުހަލާ ވެސް މިހާރު ފާއިތުވެއްޖެ އެވެ. ނަޝީދުގެ ސަރުކާރު ބަދަލުވުމާ އެކު، އޭރު އުފައްދާފައި ހުރި ޔުޓިލިޓީ ކުންފުނިތައް އުވާލައި، މިހާރުގެ ސަރުކާރުގެ ވިސްނުން ހުރީ ފެނަކައިގެ ދަށުން ހިދުމަތް ދިނުމެވެ. މި ބަދަލު ފުރަތަމަ ގެނެވުނީ އެސްޔޫއެލްއަށެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުންފުނީގައި ކުރިން އޮތް ބޯޑެއް މިހާރަކު ނެތެވެ. ފެނަކަ އިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މީހެއްގެ ބެއްލެވުމުގެ ދަށުން ކަރަންޓްގެ ހުރިހާ މަސައްކަތެއް ކުރަންޖެހެނީ ފެނަކައި އިން އަންގާ ގޮތަކަށެވެ. އެ ކުންފުނީގެ މައި އޮފީހާއި އިސް ވެރިން ތިއްބަވަނީ މާލޭގަ އެވެ. ލާމަރުކަޒީ އުސޫލުން ހިދުމަތް ދޭ ވާހަކަ ދެއްކިޔަސް ހަގީގަތުގައި އެކަން އެގޮތަށް ނުހިނގާ ކަމަށް ރައްޔިތުން ބުނެ އެވެ. ކައުންސިލާއި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ކަންކަން ގާތުން ފަސޭހަ އިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތް ކަމަކަށް ގިނަ ބަޔަކު ގަބޫލެއްނުކުރެ އެވެ. އެސްޔޫއެލްގެ "ނަން ބޯޑް" އަޅުވައިގެން ބަޔަކު ތިއްބަސް، ކަންކަން ކުރުމުގެ އެއްވެސް އިޚްތިޔާރެއް އެ ފަރާތަކަށް ނެތެވެ. އެހެންވެ މައްސަލަތައް ހައްލު ނުކުރެވި ދިގުލަނީ އެވެ. ފެނަކައިންނާއި އެސްޔޫއެލް ތަމްސީލްކުރަން މިހާރު ތިބި ފަރާތްތަކުން ބުނާ ގޮތުގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި އައްޑޫގެ އިންޖީނުތައް މަރާމާތުކޮށް ބެލެހެއްޓިފައެއް ނުވެ އެވެ. އިންޖީނުތަކުގެ ހާލަތު ވަރަށް ދަށެވެ. ކަރަންޓްގެ މައްސަލަ ދިމާވަނި އެހެންވެ އެވެ. އެކަމަކު މި ވާހަކަ ކައުންސިލުން ގަބޫލެއް ނުކުރެ އެވެ. ކައުންސިލުން ވެސް އަދި އެސްޔޫއެލްގެ ކުރީގެ ބޯޑުގައި ތިއްބެވި ވެރިން ވެސް ވިދާޅުވީ ފެނަކަ އިން ދައްކަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށެވެ. އަދި އެ ކުންފުނިން ނުވާވަރުގެ ކަންތައްތަކާ ހަވާލުވުމަށް ފަހު، ޒިންމާތަކުން ރެކެން މަސައްކަތްކުރަނީ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ އިންޖީނުތައް ސާވިސްކޮށް، އޯވަހޯލް ނުކުރާ ކަމަށް ފެނަކަ އިން ބުންޏަސް އެކަންކުރި ކަމަށް ދައްކާ ލިޔެކިޔުންތައް ފެންނަން މިހާރު ވެސް ހުންނާނެ ކަމަށެވެ. އަދި ފެނަކަ އިން ދައްކާ ވާހަކަ ކައުންސިލުން ދޮގުކުރެ އެވެ. މޭޔަރު ވިދާޅުވީ އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައިގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ފެނަކަ އިން ކަމަށެވެ. އަދި ފެނަކައިގެ ދަށަށް އެސްޔޫއެލް ބަދަލުކުރި ފަހުން ހިދުމަތް ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް ކައުންސިލުން ދެކެ އެވެ. މީގެ އިތުރަށް މުވައްޒަފުންގެ ތެރޭގައި ވެސް "ސިޔާސީ ފިކުރަށް" ބަލައިގެން ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ބައެއް މުވައްޒަފުން ވެސް ކުރެ އެވެ. އެސްޔޫއެލްގެ ކުރީގެ މެނެޖިން ޑިރެކްޓަރު ހަސަން މުހައްމަދު ވެސް ވިދާޅުވީ ފެނަކަ އިން ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އަދި މައްސަލައެއް ދިމާވިޔަސް މިހާރާ ހިލާފަށް އެކަން ދިގު ދަންމާނުލައި ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކުރުމަށް އޭރު ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އެސްޔޫއެލް އިން ބުންޏެވެ. މީގެ އިތުރަށް ކަރަންޓް ނެޓްވޯކް އިތުރަށް ތަރައްގީކޮށް ވަރުގަދަކޮށް، އިންޖީނުގެތައް އަޕްގްރޭޑް ކުރުމުގެ ޕްލޭންތަކެއް ވެސް އެސްޔޫއެލްގައި އޮތް ކަމަށް ކުންފުނީގެ ކުރީގެ ބޯޑުން ބުންޏެވެ. މީގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓެއް ވެސް ހިމެނެ އެވެ. އެސްޔޫއެލްއަކީ ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް ވެސް އެންމެ ބޮޑު ފައިދާއެއް ނެރެމުން ދިޔަ ކުންފުނި ކަމަށް ކައުންސިލާއި އެސްޔޫއެލްގެ ކުރީގެ ބޯޑުން ބުނެ އެވެ. އަދި ޔުޓިލިޓީ ކުންފުނިތަކުގެ ތެރޭގައި އެސްޔޫއެލް ނޫނީ ފައިދާވާ ކުންފުންޏެއް ނެތް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިހާރު މައްސަލަ ދިމާވުމުގެ މައިގަނޑު ސަބަބަކީ އެސްޔޫއެލް އަށް ލިބޭ ފައިސާ އިން މުޅި ފެނަކަ ހިންގަން އުޅުން ކަމަށް ކައުންސިލް ގަބޫލްކުރެ އެވެ. އޭގެ ސަބަބުން އައްޑޫގެ ކަރަންޓްގެ ހާލަތަށް ކުރިއެރުމަށް ތަރައްގީއެއް ނައިސް، އައްޑޫގެ ހާލަތު ގޯސްވަނީ އެވެ. އައްޑޫން ލިބޭ ފައިދާ އިން އައްޑު އަށް ކުރިއެރުމެއް ގެންނަން މަސައްކަތް ނުކުރާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެސްޔޫއެލްގެ ބޯޑްގެ ކުރިން ޗެއާމަންކަން ކުރެއްވި ބޭފުޅަކު ވެސް ވިދާޅުވީ އެސްޔޫއެލްއަކީ ކުރިއަށް ވިސްނައިގެން، ބޮޑެތި ޕްރޮޖެކްޓްތައް ރާވައިގެން ކުރިއަށް ދިޔަ ކުންފުންޏެއް ކަމަށެވެ. "އާބާދީ މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. ކަރަންޓް ބޭނުންކުރާ ނިސްބަތް ވެސް މި އަންނަނީ އިތުރުވަމުން. އާންމުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެކު ކަރަންޓަށް ބަރޯސާވާ މިންވަރު އަދިވެސް ދާނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ތިބި އިރު ޕްލޭން އޮންނާނީ ފިއުޗާ އަށް. އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑްކޮށް، ކަރަންޓް އުފެއްދޭ ކެޕޭސިޓީ ވަރުގަދަ ނުކުރެވޭ ކަމަށްވަންޏާ ހައްތަހާ މައްސަލަތައް ކުރިމަތިވާނީ. އެކަމަކު އެކަހަލަ ޕްލޭންތަކެއް ހަދައިގެން ބަޔަކު މަސައްކަތް ކުރަން އުޅޭ ތަނެއް މިހާރަކު ނުއެއް ފެނޭ. އޭގެ ބަދަލުގައި ކޮންމެވެސް ބައެއްގެ ބޮލުގައި އަޅުވާލުން މި އޮންނަނީ." މޭޔަރު ވިދާޅުވީ އައްޑޫގެ ކަރަންޓްގެ ކަންތައްކުރެވޭނެ ގާބިލް މީހުން އައްޑޫގައި އެބަ ތިބި ކަމަށެވެ. އެހެންވެ މިނިވަންކަމާ އެކު އެކަންކުރެވޭނެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިދިޔަ ނޮވެމްބަރު މަހު "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔުޓިލިޓީ ކުންފުނިތައް ފެނަކަ އަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. "އެއް ކުންފުންޏެއްގެ ދަށުން އެ ތަންތަން މެނޭޖްކުރުމަކީ ކުރަން ޖެހިފައި އޮތް ވަރަށް މުހިއްމު ކަމެއް. ވަކިވަކިން އެ ކުންފުނިތައް ހިންގީމަ ލިބޭނެ ގެއްލުންތައް މިތަނަށް އައިސް އަޅުގަނޑުމެން ވަދެ ބަލާލީމަ މިއޮތީ ފެންނަން،" ނިމާލް ވިދާޅުވި އެވެ. "ފައިސާގެ އެތައް މުއާމަލާތެއް ގަވައިދާ ހިލާފަށް ހިންގާފައި އެބަހުރި. އެއް ކުންފުންޏެއްގެ ދަށުން މިކަންކުރެވެން ފެށީމަ، ރަނގަޅު ނިޒާމެއްގެ ދަށުން ބެލެހެއްޓި އިދާރީ ގޮތުން ހިންގުމަށް ވެސް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ." ނިމާލް ވިދާޅުވީ ފެނަކައިގެ އަމާޒަކީ 2014 އަންނަންވާ އިރަށް ފައިދާވާ، ވަރުގަދަ ކުންފުންޏަކަށް ހެދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ